27 އޮކްޓޯބަރ 2025 - 13:07

ވެހިކަލް ޕާކް ކުރުމުގައި މީހުންގެ އަހުލާގު ގެއްލިފައި އޮތީ ފުރުސަތު ލިބިއްޖެ ނަމަ މިސްކިތުގެ އެތެރޭގައި ވެސް ޕާކްކުރާ ވަރަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕާކްކުރުމުގައި މީހުންގެ އަހުލާގު އެ ވަރަށް ގެއްލުނީމާ ވެހިކަލް ޓޯކުރުން މިހާރަށް ވުރެ ހަރުކަށި ކުރަން ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެހާ ވަަރަށް ގަވައިދު ހަރުކަށިކުރަން ވާނީ މަޑުމަޑުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީހުންގެ އަހުލާގު ޕާކްކުރުމުގައި ގެއްލިފައި އޮތް ވަރު މިއީ، ޖާގަ ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނުން އެބަހުރޭ މިސްކިތަށް އަރާ އިރު ވެސް މިސްކިތުގެ ސަފުގެ ފުރަގަހުގައި ސައިކަލް ބަހައްޓާފައި އެރުން،" ޕާކު ކުރުން ދޯދިޔާވެފައިވާ ވަރު ހާމަކޮށްދެއްވަމުން އަމީން ވިދާޅުވި އެވެ.
މިނިސްޓަރު މި މޭރުމުން ޖަވާބު ދެއްވީ ނުގަވައިދުން ވެހިކަލްތައް ޕާކްކުރުމުން، ޖޫރިމަނާ ކުރުމާ އެކުގައި ވެހިކަލް ޓޯކޮށް، އެއް ކުށަކަށް ދެ އަދަބު ދޭ ގޮތަށް ގަވައިދު ހަދަނީ ކީއްވެތޯ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހަސަން ސުވާލު ކުރެއްވުމުންނެވެ.
ޕާކް ކުރުމުގައި އަހުލާގު ގެއްލިފައި އޮތް ވަރުގެ މިސާލެއްގެ ގޮތުގައި މިސްކިތުގައި ޕާކްކުރާ މިސާލު ދެއްކެވުމަށް ފަހު، މިނިސްޓަރު ވިދާޅުވީ މީހުންގެ އަހުލާގު އެ ހިސާބަށް ދިއުމުން، ޖައްސަން ޖެހޭނީ ދެ އުނދަގުލެއް ވެސް ނޫން [ދޭންވީ ދެ އަދަބެއް ވެސް ނޫން] ކަމަށެވެ.
ޓޯކުރާ އުޅަނދުތައް 24 ގަޑިއިރަށް ބެހެއްޓުމުގެ ބަދަލުގައި 48 ގަޑިިއިރަށް ބަދަލުކުރުމުން މީނުން ތަންކޮޅެއް ފަރުވާތެރިވާން ފެށި ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ހަގީގަތުގައި ހަމަަ. ރަނގަޅު، ހާލަތަށް ބަލާފައި އެ އަށް ވުރެ ވެސް އިތުރުކުރުން ވެސް [ޓޯކޮށްފައި ބަހައްޓާ ވަގުތު]،" އަމީން ވިދާޅުވި އެވެ.
އެކަމަކު، ގަވައިދުތަކަށް އެފަދަ ހަރުކަށިކަން ގެންނަން ޖެހެނީ މަޑުމައިތިރި ކަމާ އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.