އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ބޭރުކޮށްލުމުން އަލުން ކޯޓަށް ހުށަހަޅައިފި
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ބޭރުކޮށްލުމުން އަލުން ކޯޓަށް ހުށަހަޅައިފި

އަދާލަތު ޕާޓީ ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އެ ޕާޓީން އަލުން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.

މެއި، 2015 ގައި އަދާލަތު ޕާޓީ އިސްކޮށް އޮވެ، ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީ 69،000ރ. އިން ޖޫރިމަނާކުރި މައްސަލަ މިދިޔަ ހޯމަ ދުވަހު ކޯޓުން ބޭރުކޮށްލީ އަދާލަތު ޕާޓީގެ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން، މަދަނީ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ އެ ދުވަހުގެ އަޑުއެހުން އޮތް ގަޑިއަށް ވުރެ ތަންކޮޅެއް ލަހުން އެ ޕާޓީގެ ވަކީލް ކޯޓަށް ދިއުމުން ކަމަށެވެ. އެހެންވެ، އެ މައްސަލަ މިއަދު އަލުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވިކަން ސާބިތުވެގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި އިދިކޮޅު އެމްޑީޕީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.