އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓުދީފި
އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓުދީފި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ، ފްލެޓްތައް މީހުންނާ ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓުދީފި
އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓުދީފި

ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު މީހުންނަށެވެ. އެ އިމާރާތުގެ ފްލެޓުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދީ މިދިޔަ ސެޕްޓެމްބަރު 28 ގައި ވަނީ މީހުންނާ އެ ތަންތަން ހަވާލުކުރަން ފަށައިފަ އެވެ. މިހާރު އެ ޓަވަރުގައި އާއިލާތައް ދިރިއުޅެމުން ވެސް އެބަ ދެ އެވެ.

ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކު ރައްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް އިއްޔެގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ތިން ޓަވަރަށް ވެސް ފެނުގެ ހިދުމަތްދީ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނުގެ ހިދުމަތްދީ، އެއްކޮށް ނިމުމާ އެކު އެ ފްލެޓުތަކުގެ ވެސް ތަޅުދަނޑި ހަވާލުކުރަން ފަށާނެ އެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތް ކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.

ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.

އެ ތަނުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ނަގަނީ 11،500ރ. އެވެ.

އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ. އެތަން ޑިސެމްބަރުގެ ނިޔަލަށް އެންމެނަށް ހަވާލުކޮށް ނިމޭނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.