ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީ
ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީ

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން ފުރަތަަމަ ކުރިއަށް ގެންދިޔަ ޕްރޮސެސް ހުއްޓާލައި އެ މަސައްކަތް ކުރާނެ އާ ބަޔަކު ހޯދަން އަލުން އިއުލާން ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން ފުރަތަމަ ހުޅުވާލިއިރު، އެކަމަށް ޝައުގުވެރިކަން ފާޅުކުރި 36 ކުންފުނީގެ ތެރެއިން ޕްރޮޕޯސަލެއް ހުށަހެޅީ އެންމެ ފަރާތަކުން ކަމަށެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގެ ތެރެއިން ދައުލަތަށް ހިލޭ ހޯދަން ހުށަހެޅި ހިދުމަތްތަކުގެ ބައި ބޮޑުކަމުން ވީ ގޮތެކެވެ.

"ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ގާތްގަނޑަކަށް 36 ކުންފުނިން މިކަމަށް އިންޓަރެސްޓް ނަގައިގެން [ހުށަހެޅި]. އެމަކު އަޅުގަނޑު ކުރިން މިދެންނެވި ގޮތަށް ދައުލަތަށް އެންމެ ބޮޑު ފައިދާ ލިބޭނެ ކޮމްބިނޭޝަނެއް ނެގުމަށް ޓަކައި އެ އާރްއެފްޕީގައި އަޅުގަނޑުމެން ލާފައި ހުރި ލިމިޓޭޝަންސްއާ ބެހޭ ގޮތުން ހުރިހާ ފަރާތްތަކުން ވެސް އަަޅުގަނޑުމެންނާ ފަހުން މަޝްވަރާކުރި،" އަމީން ވިދާޅުވި އެވެ.

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ދޭން ޖެހޭ ހިދުމަތް ބޮޑު ކަމަށް އެ ހުރިހާ ކުންފުންުޏަކުން ވެސް ބުނެފައިވާ ކަމަށާއި އެހެންވެ އިތުރަށް މަޝްވަރާ ކުރަން ނިންމީ އެންމެ ކުންފުންޏަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅުގައި ޑިސެމްބަރުމަހުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަންތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަަޅުގަނޑަށް އެބަ އޮތް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ބޮޑެތި ގިނަ ކުންފުނިތަކުން ރާއްޖޭގައި އެ މަސައްކަތް ކުރަން ޝައުގުވެރިކަން އެބަހުރި ކަމަށެވެ.