27 އޮކްޓޯބަރ 2025 - 09:24

ޓީސީ ކޮޅަށް އަލީ ނަސޫހު ރަޝީދު (ޕިލާ) ވައްދާލި ލަނޑުން މޮޅުވެ ވިކްޓަރީ އަށް ހަމަނޭވާއެއް ލެވިއްޖެ އެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީ ނަސޫހުގެ އިންޑަވިޖުއަލް ހުނަރު ބޭނުންކޮށްގެން ޖެހި ގޯލެކެވެ.
ވިކްޓަރީގެ ބްރެޒިލްގެ ފޯވާޑް ވަލަޑްމިއާ އެވަޓަން، އެ ޓީމުގެ ހާފުގެ ތެރޭގައި ހުރެފައި ނަސޫހު އަށް ބޯޅަ ދިން އިރު ނަސޫހު ހުރީ ޓީސީގެ ހަފުގެ ސެންޓަ ސާކަލް ތެރޭގަ އެވެ. ބޯޅަ ހިފައިގެން ގޮސް ބޯޅަ ކުރިއަށް ޖައްސާލި އެވެ. އަލުން ނަސޫހު ގޮސް ބޯޅަ ކޮންޓްރޯލު ހޯދައި އޭނާގެ ސްޕީޑް ބޭނުންކޮށްގެން އޭރިއާ ތެރެއަށް ވަންނަން ދިޔަ އެވެ.
ޓީސީގެ ޑިފެންޑަރުން އޭނާ އަތުން ބޯޅަ ހޯދަން ވަރަށް ޓައިޓްކޮށް ވިއްދި އެވެ. އޭނާގެ ގައިގައި ޖެހިގަނެ ބޯޅަ ހޯދަން މަސައްކަތް ކުރި ނަމަވެސް ނަސޫހު ޑިފެންޑަރުން ކައިރިން ނެއްޓި އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ.
މެޗު ވިކްޓަރީން ފުއްދާލީ އެ ލަނޑުންނެވެ. މެޗުން މޮޅުވެ އެ ޓީމު ވަނީ ތާވަލުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ.
ވިކްޓަރީ އާއި ޓީސީގެ ފުރަތަމަ ކިޓްގެ ކުލައަކީ ރަތެވެ. ރޭގެ މެޗުގައި އަވޭ ޓީމަކީ ވިކްޓަރީ އެވެ. އެހެންވެ ޖޯޒީ ތަފާތު ކުރަން ޖެހުނީ ވިކްޓަރީއާ އެވެ.
ވިކްޓަރީގެ ދެވަނަ ކުލައިގެ ގޮތުގައި މަޝްހޫރު ވެފައި ވަނީ ރީނދޫ ކުލަ އެވެ. އެ ޓީމުން ރޭ ބޭނުން ކުރީ ހުދު ކުލަ އެވެ. މީގެ އަހަރުތަކެއް ކުރިން ވެސް ވިކްޓަރީން ދެވަނަ ޖޯޒީގެ ގޮތުގައި ހުދު ކުލަ ބޭނުންކޮށްފައި ވެއެވެ.