އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޖެޓެއް ސައުތު ޗައިނާ ކަނޑަށް ވެއްޓިއްޖެ
އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޖެޓެއް ސައުތު ޗައިނާ ކަނޑަށް ވެއްޓިއްޖެ

އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޖެޓެއް ސައުތު ޗައިނާ ކަނޑަށް ވެއްޓިއްޖެ ކަމަށާއި ވަކިވަކިން ހިނގި މި ދެ ހާދިސާގައި މީހަކަށް ކަމެއް ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އެމެރިކާގެ ނޭވީގެ ޕެސިފިކް ފްލީޓުން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ނިމިޓްޒް އިން ރޫޓިން އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަނިކޮށް ކަމަށެވެ. މި އެކްސިޑެންޓުގައި ވެއްޓުނީ އެމްއެޗް-60 އާރް ސީ ހޯކް ހެލިކޮޕްޓަރެއް ކަމަށް ބުންޏެވެ.

އެ ބަޔާނުގައި ބުނީ ހެލިކޮޕްޓަރުގެ ތިން ކްރޫއިން ކަނޑުމަތިން ހޯދައި ސަލާމަތްކުރި ކަމަށެވެ.

ނޭވީގެ ބަޔާނުގައި ބުނީ އޭގެ 30 މިނިޓް ފަހުން ބޮއިންގް އެފް/އޭ-18އެފް ސުޕަ ހޯނެޓް ފައިޓާ ޖެޓެއް ޔޫއެސްއެސް ނިމިޓްޒްގެ ރޫޓިން އޮޕަރޭޝަންތަކެއްގައި ސައުތު ޗައިނާ ކަނޑަށް ވެއްޓުނު ކަމަށެވެ.

ބަޔާނުގައިވާ ގޮތުން އޭގައި ތިބި ދެ މީހުން ޖެޓުން "އިޖެކްޓް" ކޮށްލުމަށް ފަހު ވަނީ ސަލާމަތްވެފަ އެވެ.

"މި ދެ ހާދިސާގައި ވެސް އެންމެން ވަނީ ސަލާމަތްވެފައި. އެންމެންގެ ހާލު ވެސް ރަނގަޅު. ހާދިސާތައް ދަނީ ތަހުގީގުކުރަމުން،" ބަޔާނުގައިވެ އެވެ.

މި އެކްސިޑެންޓުތައް ހިނގާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިހާރު އޭޝިއާ ސަރަހައްދަށް ކުރައްވަމުން ގެންދަވާ ދަތުރު ފެށުމަށް ތައްޔާރުވެފައި އޮއްވަ އެވެ. އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް އޭޝިއާ ސަރަހައްދަށް ދަތުރެއް ފަށަން ވަނީ ތައްޔާރުވެފަ އެވެ.

މި އަހަރުގެ ކުރީކޮޅު ވެސް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ހެރީ އެސް ޓްރޫމަން އިން އަގުބޮޑު ދެ ޖެޓެއް ކަނޑަށް ވެއްޓިފައިވެ އެވެ. -- އޭއެފްޕީ