އާސެނަލުން އެއްވަނައިގައި ލީޑު ފުޅާކޮށްލައިފި
އާސެނަލުން އެއްވަނައިގައި ލީޑު ފުޅާކޮށްލައިފި

އަންޑަން (އޮކްޓޫބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމު މޮޅު ކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ، ކްރިސްޓަލް ޕެލަސްއިން މި ސީޒަންގައި ގެނައި އެބެރޭޗީ އެޒީ އެވެ.

މެޗުގެ 88 ވަނަ މިނިޓުގައި އޭނާ ބަދަލުކުރުމުން އަވޭ ސްޓޭންޑްގައި ތިބި ޕެލަސްގެ ސަޕޯޓަރުން ވަނީ އޭނާއަށް އިހުތިރާމް އަދާކޮށް ތަރުހީބު ދީފަ އެވެ.

އެޒީގެ މޮޅު ކުޅުމާ އެކު ޕެލަސް ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕާއި މި ސީޒަން ފަށަން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

އާސެނަލް އެއްވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 18 ޕޮއިންޓް ހޯދާފައިވާ ބޯންމަތެވެ. މިދިޔަ ހަފްތާގެ މެޗުތަކަށް ފަހު އޭރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ. ނަމަވެސް މިހާރު ބޯންމަތާ ދެމެދު މިވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ.

ކްރިސްޓަލް ޕެލަސް އޮތީ 13 ޕޮއިންޓާ އެކު ތާވަލްގެ 10 ވަނައިގަ އެވެ.

ލީގުގެ ތިންވަނައިގައި އޮތް ޓޮޓްނަމް ހޮޓްސްޕާ އާއި ހަތަރުވަނައިގައި އޮތް ސަންޑަލެންޑަށް ވެސް 17 ޕޮއިންޓް ލިބިފައި ވާއިރު، އޭގެ ފަހަތުގައި އޮތީ 16 ޕޮއިންޓް ލިބިފައިވާ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 15 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.

މެންޗެސްޓާ ސިޓީ ވަނީ ރޭ ރަށުން ބޭރުގައި 1-0 އިން އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ. ދެވަނައިގައި އޮތީ ރޭ 2-0 އިން ނޮތްނަމް ފޮރެސްޓް ބަލިކުރި ބޯންމަތެވެ. ޓޮޓްނަމް ރޭ 3-0 އިން އެވަޓަން ބަލިކުރި އިރު ބާންލީ ވަނީ 3-0 އިން ވުލްވްސް ބަލިކޮށްފަ އެވެ.

ވުލްވްސް އަކީ މިހާތަނަށް ޕްރިމިއާ ލީގުގައި މޮޅެއް ހޯދިފައި ނުވާ ޓީމެވެ.