27 އޮކްޓޯބަރ 2025 - 00:05

މެޑްރިޑް (އޮކްޓޫބަރު 26) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ 2-1 އިން ބަލިވެ، ލީގުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މި ނަތީޖާއާ އެކު، ރެއާލް މެޑްރިޑް ވަނީ ލީގުތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ރެއާލަށް ވަނީ 10 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ބާސާ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ރެއާލް ފެށީ ވެސް ވަރުގަދަކޮށެވެ. ފަސް މިނިޓު ތެރޭގައި ރެއާލް މެޑްރިޑުން ޕެނަލްޓީއަކަށް އެޕީލް ކޮށް ވީއޭއާރުގެ އެހީގައި ވެސް ނާކާމިޔާބު ވުމުން އޭގެ ހައެއްކަ މިނިޓު ފަހުން ކިލިއަން އެމްބާޕޭ ގޯލެއް ޖެހި އެވެ. އެ ފަހަރު ވެސް ވީއޭއާރުން ނިންމީ ރެއާލާ ދެކޮޅަށެވެ.
ރެއާލް މެޑްރިޑް ލީޑު ނެގީ 22 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމްގެ ޕާހަކުން އެމްބާޕޭ ޖެހި ގޯލުންނެވެ. މެޗުގެ 38 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑްގެ އެހީއާ އެކު، ފާމިން ލޮޕޭޒް ބާސާ އަށް ނަތީޖާ އެއްވަރު ކޮށްދިނަސް ފަސް މިނިޓު ތެރޭ ރެއާލަށް އަލުން ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމް އެވެ. ރެފްރީ މި ގޯލު ބަލައިގަންނަން ނިންމީ ދެ މިނިޓެއްހާއިރުގެ ވީއޭއާރު ރިވިއުއަކަށް ފަހު އެވެ.
ދެވަނަ ހާފު ފެށިގެން ފަސް މިނިޓެއް ހާއިރު، ތެރޭގައި ރެއާލުން އަނެއްކާ ވެސް ޕެނަލްޓީއަކަށް އެޕީލް ކުރި އެވެ. އަދި ވީއޭއާރުން ވެސް އެ ޓީމަށް ޕެނަލްޓީ ދޭން ނިންމުމުން، އެމްބާޕޭ ފޮނުވައިލި ބޯޅަ ބާސާގެ ކީޕަރު ވޮއިޒެކް ޝެޒްނީ ވަނީ ދިފާއު ކޮށްފަ އެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މިދިޔަ އަހަރު ރެއާލް ވަނީ ބާސާއާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ. ލީގުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0 އިންނެވެ.
ބާސާ އަށް މި މެޗުގައި އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު މާކަސް ސޯގް އެވެ. އެ ޓީމުގެ ހެޑް ކޯޗު ހަންސީ ފްލިކް ހުރީ މިދިޔަ ހަފްތާ ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުން ސަސްޕެންޝަނުގަ އެވެ.
މި މެޗަށް ބާސެލޯނާ ނުކުތީ އެ ޓީމުން އާއްމުކޮށް ސްޓާޓް ކުރާ ގިނަ ކުޅުންތެރިން ނުހިމަނަ އެވެ. އަނިޔާގެ ސަބަބުން ރަފީނިއާ އާއި ރޮބާޓް ލެވަންޑޯސްކީ އަދި ޑެނީ އޮލްމޯ ނުކުޅެ އެވެ. ލަމީން ޔަމާލް މެޗުގައި ކުޅުނު ނަމަވެސް އަނިޔާއިން ރަނގަޅުވެގެން އައިސް އޭނާއަށް އަދި އެންމެ ރަނގަޅު ކުޅުން ނުދެއްކެ އެވެ.