ޣައްޒާގައި ސުލްހައިގެ ފައުޖެއް އޮތަސް ހަމަލާދޭނެ ކަމަށް ނަތަންޔާހޫ ބުނެފި
ޣައްޒާގައި ސުލްހައިގެ ފައުޖެއް އޮތަސް ހަމަލާދޭނެ ކަމަށް ނަތަންޔާހޫ ބުނެފި

ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް އެއްބަސް ވެގެން ތިބި ނަމަވެސް ޣައްޒާއަށް ބޭނުން އިރަކު ހަމަލާދޭނެ ކަމަށާއި ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާގައި ބޭއްވިޔަސް އިޒްރޭލުން އެކަމަށް ބަލަން ނުޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ނަތަންޔާހޫ އޭނާގެ ވަޒީރުންނާ ބައްދަލުކޮށް ބުނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ސުލްހަ ބަލަހައްޓަން ބައިނަލްއަގުވާމީ ފައުޖެެއް ކަނޑައެޅި ކަމުގައި ވިޔަސް ޣައްޒާއަށް ވަދެވޭނީ އިޒްރޭލުން ރުހުން ދޭ ގައުމުތަކުގެ ސިފައިންނަށް އެކަނި ކަމަށެވެ. އަދި "ދުޝްމަނުންނަށް ހަމަލާ ދޭނީ ކޮންތާކުން ކޮން އިރަކުތޯ" އެހެން ބައެއްގެ ކައިރީ އިޒްރޭލުން އަހަން ނުޖެހޭނެ ކަމަށް ބުންޏެވެ.

"އިޒްރޭލަކީ މިނިވަން ގައުމެއް. އަހަރެމެންގެ ސަލާމަތް ހޯދާނީ އަހަރެމެން އަމިއްލައަށް. މިކަމުގައި އެހެން ބައެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. އަހަރެމެންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އަހަރެމެން." ނަތަންޔާހޫ ބުންޏެވެ.

ހަމާސް އާއި އިޒްރޭލުން ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ވަނީ ފަހަތަށް ޖެހިފަ އެވެ. އަދި ފަހުގެ މަރުހަލާއެއްގައި ޣައްޒާ ހިމާޔަތް ކުރުމުގެ ޒިންމާ ނަގާނީ އަރަބި ނުވަތަ މުސްލިމް ގައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ލަޝްކަރަކުންނެވެ.

އެކަމަކު އިޒްރޭލުގެ ނުރުހުން އަމާޒުވާ ތުރުކީގެ ބައިވެރިވުން މި ލަޝްކަރުގައި ނުބޭއްވޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ