27 އޮކްޓޯބަރ 2025 - 07:08

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަގުތައް ސާފުކޮށް، މަގުގެ އަރިމަތީގައި ހެދިފައިވާ ބިޔަ ގަސްތައް ނަގައި ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދޭތީ އާއި ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެޗްޑީސީ އަށް އަބަދުވެސް ޝަކުވާ ކުރެ އެވެ.

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފެށީ އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވާތީ އެވެ.
އެޗްޑީސީން ބުނީ އެފަދަ ބިޔަ ގަސްތަކުގެ މޫ ގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
އެ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި ގަސްތައް ނަގައި ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް ނިންމާފައި ވާތީ އެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އަދި ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ގެންދާ ސާފުކުރުމުގެ ކެމްޕެއިނަށް ފަހު، މަގަށް ގެއްލުންނުވާ ކުދި ގަސްތައް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމުންނަށް ދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ޖުމްލަ 12 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ މީހުންނަށް ފަސޭހަ ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މަސައްކަތް ކުރަނީ އެ ކޯޕަރޭޝަން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.