26 އޮކްޓޯބަރ 2025 - 20:59

ގާނޫނީ ވަކީލުންނަކީ ފަނޑިޔާރުންނެކޭ އެއްފަދައިން އިންސާފު ގާއިމް ކުރުމުގައި ބޮޑު ޒިންމާއެއް އޮތް ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަކީލުކަމުގެ ލައިސަންސް އަލަށް ލިބުނު މީހުން ވަކީލުކަމުގެ ހުވާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ގާއިމްކޮށް، ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބޮޑު ޒިންމާ ފަނޑިޔާރުންނެކޭ އެއްފަދައިން ވަކީލުންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި ފަނޑިޔާރުންނާއި ވަކީލުން ވެސް މަސައްކަތް ކުރަން ޖެހެނީ އެއް މިސްރާބަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފަނޑިޔާރުންނެކޭ އެއްފަދައިން ގާނޫނީ ވަކީލުންނަކީ ވެސް އަދުލު އިންސާފު ގާއިމް ކުރުމުގައި ހަރަކާތްތެރިވާ އިންސާފުގެ ދަތުރުގެ ބައިވެރިން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިފައިވޭ. އެއީ ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބުރަ މަސައްކަތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުމަށް ފަހު ދެން ކުރަން ޖެހެނީ އުނދަގޫ އަދި ބުރަ މަސައްކަތްތަކެކެވެ. އަދި އެކަމުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ސިއްރު ހިފެހެއްޓުމާއި ހަވާލުވާ މަސައްކަތްތައް ތެދުވެރިކަމާ އެކު ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގާނޫނީ ހުރިހާ ކަމަކަށް ވަކީލުންގެ ހޭލުންތެރިކަން އަބަދުވެސް ހުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކާމިޔާބު ވަކީލުން ތިބިކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ދާއިރާގައި ކާމިޔާބު ވާނީ ވަގުތަށް ފަރުވާތެރިވެ، އަދި ތެދުވެރިކަމާ އެކު މަސައްކަތް ކުރުމުގެ އިތުރުން އެ މަސައްކަތުގައި ރީތި އުސޫލުތަކެއް ހިފަހައްޓައިގެން ކަމަށެވެ. އެ ދާއިރާގައި ކާމިޔާބީއާ ހަމައަށް ވާސިލްވާން އެފަދަ ގުރުބާނީތަކެއް ވާން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.