ޕީއެޗްޑީ ގަބޫލުކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ޕީއެޗްޑީ ގަބޫލުކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލެޖަކުން ތިން މީހަކު ހެދި ޕީއެޗްޑީ ގަބޫލު ނުކުރަން އެމްކިއުއޭއިން 2021 ވަނަ އަހަރު ނިންމި މައްސަލާގައި ހައި ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އެ ތިން މީހުންގެ ސެޓްފިކެޓް ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެއީ އެ ކޯސް ގަބޫލު ނުކުރާނެ ކަމަށް އެމްކިއުއޭއިން އެންގީ އެ މީހުން ކިޔަވަން ފެށިފަހުން އެމްކިއުއޭއިން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށްގެން ކަމަށްވާތީ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކޯސް ބަލައިގަންނާނެ ކަމަށް އެމްކިއުއޭއިން ކުރިން އަންގާފައިވީ ނަމަވެސް އޭރު އެގޮތަށް އަމަލުކުރީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށެވެ. އަދި ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި އެމްކިއުއޭއިން ދޫކުރި ލިޔުމަކަށް ބިނާކޮށް އެ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ. އަދި އެމްކިއުއޭއިން ގާނޫނީ އިމުން ބޭރުން ފޮނުވި ލިޔުމަކާ އެއްގޮތަށް އަމަލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ނަމަވެސް އޭގެ ތެރެއިން އެކަކު ޕީއެޗްޑީ ކޯސް ފަށާފައިވަނީ އެ ކޯސް ގަބޫލު ކުރާނެކަމުގެ ލިޔުމެއް އެމްކިއުއޭއިން ދޫކުރުމުން ކަމަށްވާތީ އެ ކޯހުގެ ސެޓްފިކެޓް ގަބޫލު ނުކުރުމުން އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ އޭގެ ބަދަލު އެމްކިއުއޭއިން އެ މީހާއަށް ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ. ނަމަވެސް ދެން ތިބި ދެ މީހުންނަށް އެފަދަ ލިޔުމެއް ދޫކޮށްފައި ނުވާތީ އެ މީހުންނަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ.

އެ ކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ބަދަލު ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް ތިން ވަނަ މީހާއަށް ބަދަލު ދޭންޖެހޭތީ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ހައި ކޯޓަށް އެ މައްސަލަ ތަހުވީލުކުރީ ކަމަށް އެ ހުކުމުގައި ވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.