ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!

ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކާ ހިސާބަށް މި ވާހަކަ އެންމެ ފުރަތަމަ އައީ ތޯތޯ ގޮތަކަށެވެ. މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެމްޕީއެލް ބަނދަރުން ހިފެހެއްޓި 1،360 ކޭސް ސިނގިރެޓް، އެތެރެކުރި ކޮންޓެއިނަރުތަކުގައި މިހާރު ނުހުންނާނެ ކަމަށެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް، ކަމުގެ ސީރިއަސްކަން ބޮޑުކަމުން އެ ބޭފުޅަކު މި ވާހަކަ ކަމާބެހޭ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވި އެވެ.

ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!

ވީގޮތެއް ބަލަން ތައްޔާރުވަމުން ދަނިކޮށް، ސްރީ ލަންކާގެ މޯބައިލް ނަންބަރަކުން ހޯމް މިނިސްޓަރު އަލީ އިހްސާނަށް އައީ މެސެޖެކެވެ. ހިފެހެއްޓި 13.6 މިލިއަން ސިނގިރެޓް ހުރި ކޮންޓެއިނަރު ނުހުޅުވުމަށް އިންޒާރެކެވެ. ލަންކާ މީހެއްގެ ނަމުގައި އޮތް އެ ނަންބަރުން، އިނގިރޭސި ބަހުން ފޮނުވި ދިގު މެސެޖެއްގައި އޮތީ ކޮންޓެއިނަރު ހުޅުވައިފި ނަމަ ބެދޭނީ ލަދެއްގައި ކަމަށެވެ. އެއީ މި މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ.

ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިނިސްޓަރު އިހްސާނަށް އެ މެސެޖު ލިބިވަޑައިގަތް އިރު އުޅުއްވީ ރަސްމީ ދަތުރެއްގައި މާލެއިން ބޭރުގަ އެވެ. އެހެންވެ އެ ރޭ މާލެއަށް ވަޑައިގަތް ގޮތަށް ހުޅުމާލޭ ބަނދަރަށް ވަޑައިގެން ކޮންޓެއިނަރު ބެއްލެވި އިރު އެ މެސެޖަކީ ސަމާސާއެއް ނޫންކަން ޔަގީންވެ ވަޑައިގަތެވެ.

ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!

މިއިން ޒަމާނަކު ވެސް ރާއްޖޭގައި ކޮށްފައި ނުވާ ފަދަ ބޮޑު ވައްކަމެކެވެ. އެކަމަކު މި ވަރުގެ ބޮޑު ކަމެއް، ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ތަނުގައި ކޮށް ނިންމާލިތާ ދެ މަސް ވީއިރު ވެސް ރޭކާނުލަ އެވެ.

ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!

މައްސަލައިގެ ތަހުގީގު ފަށައި، އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ، ހަސަން އަބްދުއްރަހްމާން، ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު، އެމްޕީއެލްގެ ތިން މުވައްޒަފުން ކަމަށްވާ އަހްމަދު ޝަމީމް، އަހްމަދު ފިރުޝާން އަދި ހުސައިން ސާމިހު ހައްޔަރުކޮށްފި އެވެ.

ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!

މީގެ އެކި އެކި މީހުންނަށް އެކި ތުހުމަތު އޮތް އިރު ވައްކަން ރާވައި ހިންގި ގޮތުގެ މަންޒަރު ސިފަވާ ވަރަށް "މިހާރު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތް އޭރު އޮތީ ހަލުވި ކޮށްފަ އެވެ. މަސައްކަތުގެ މައި ކޮންޓްރެކްޓަރު ސައޫދީގެ ބިން ލާދިން ގްރޫޕުން މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ފުލުފުލުގައި ދިޔައީ އެތެރެ ކުރަމުންނެވެ. އެކަމަކު އެ ޕްރޮޖެކްޓަށް އެ ކުންފުނިން ގެނައި ޝިޕްމަންޓެއް އެމްޕީއެލް ބަނދަރަށް ބާލައި މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ފާސްކުރި އިރު ފެނުނީ 1،360 ކޭސް ސިނގިރޭޓެވެ.

މިއީ ބިން ލާދިން ގްރޫޕްގެ ލޯކަލް އެޖެންޓް، ލިއޯ ޓްރޭޑިން އިން ދެނަހުރި ކަމަކަށް ވެސް ނުވި އެވެ. އެކަމަކު މަސައްކަތާ ހަވާލުވެ ހުރި ޗައިނާ މީހަކު ވަނީ ވަގަށް ސިނގިރެޓް އެތެރެކުރަން އުޅެނިކޮށް ފަޅާއެރުމާ އެކު، ރާއްޖޭން ފުރައިގެން ގޮސްފަ އެވެ. އެކަމުގައި ވެސް ޝައްކުތައް ބޮޑެވެ. ކުއްލިއަކަށް އެ މީހާ ރާއްޖެ ދޫކޮށް ފުރި ސަބަބު އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި ސިނގިރެޓް ކޭސްތައް އެތެރެކުރީ ޕްލައިވުޑް ޝިޕްމަންޓެއްގެ ގޮތުގައި ގެނައި 40 ފޫޓްގެ ދެ ކޮންޓެއިނާގަ އެވެ. އޭގައި ހުރި ސިނގިރެޓަކީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އެތެރެކުރި އެއްޗެއް ނަމަ ދައުލަތަށް 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޑިއުޓީއެއް ދައްކަން ޖެހޭނެ މުދަލެވެ.

އެ ހިސާބުން އޮތީ ވަގަށް މި އެތެރެކުރަން އުޅުނު ބަޔަކަށް ބޮޑު ގެއްލުމެއްގެ ބިރާ ކުރިމަތިވެފަ އެވެ. މަލްޓި މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. އަނެއްކޮޅުން، މި ތަކެތި އިމްޕޯޓްކުރި ކުންފުންޏަށް ވެސް ހަމަ އެ ވަރުގެ ބޮޑު ޖޫރިމަނާއެއްގެ ބިރެވެ. ލަފާކުރެވޭ ގޮތުން، މަދުވެގެން 128 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ.

ވައްކަމުގެ މޯޓިވް އަދި ނޭނގުނަސް، މި ފައިސާ ބޮލު އަޅަަން ބޭނުން ނުވުމަކީ ވައްކަން ކުރި ސަބަބުގެ ގޮތުގައި ވަރަށް ބޮޑަށް ބެލެވެ އެވެ. އެހެންވެ އެ ބަޔަކު އެ ހިސާބުން އޮތީ ސައްލާ ފަށައިފަ އެވެ.

ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެމްޕީއެލް އާއި ކަސްޓަމްސްގެ ތެރެއިން މި ވައްކަމަށް އެހީވާނެ މީހުން ހޯދުމުގެ މަސައްކަތް، މިކަމުގައި ތުހުމަތުވާ މީހުން ކުރަމުން ދިޔައިރު އެކަކު ދިޔައީ ސިނގިރެޓް ހުރި ދެ ކޮންޓެއިނަރުގެ ނަކަލެއް ހަދަމުންނެވެ.

ސިނގިރެޓް އެތެރެކުރި ދެ ކޮންޓެއިނަރުގެ ފޮޓޯ "މިހާރު" ގެ ނޫސްވެރިނަށް ފެނުނެވެ. ނޫކުލައިގައި ހުރި އެ ދެ ކޮންޓެއިނަރާ އެއްގޮތަށް، އެ ކުލަ ލައި ހަމަ އޭގައި ހުރި ގޮތަށް ނަންބަރުތައް ޖަހައި ލޭބަލް ކުރުމުގެ މަސައްކަތާ އެކަކު ހަވާލުވެ އެ މަސައްކަތް ތިލަފުށީ ސައިޓެއްގައި އޭރު ވަރަށް ބާރަށް ކުރިއަށް ދިޔަ އެވެ. އެނގިފައިވާ ގޮތުގައި އެއީ މިހާރު ހައްޔަރު ކޮށްފައިވާ ވިޔަފާރިވެރިއަކު އެހެން މީހެއްގެ އަތުން ގަންނަން އުޅޭ ބިމެކެވެ. އެކަމަކު، އެ ބިން ގަތުމުގެ ގާނޫނީ މަރުހަލާތައް އޮތީ ނުނިމި އެވެ.

މި ދެ ކޮންޓެއިނާ ތިލަފުށީގައި ތައްޔާރު ކުރަމުން އައީ ސިނގިރެޓް ވައްކަމުގެ ތުހުމަތަށް މިހާރު ހައްޔަރު ކޮށްފައިވާ ނުވަ މީހުންގެ ތެރެއިން އެކަކެވެ. އެއީ އިސް މީހާ އެވެ. އަނެއް ބަޔަކު ދިޔައީ ހުޅުމާލޭ ބަނދަރުގައި ހުރި ދެ ކޮންޓެއިނަރު އެތަނުން ބޭރުކޮށްލެވޭނެ ގޮތް ރާވަމުންނެވެ. އެ ދެ ކޮންޓެއިނަރު ކެމެރާއަށް ގެއްލޭ ގޮތަށް އެހެން ކޮންޓެއިނަރުތައް ބެހެއްޓުމާއި ބޭނުންވާ ވަގުތާ ދިމާކޮށް ސީސީޓީވީ ކެމެރާ ނިއްވާލެވޭނެ އިންތިޒާމު ހަމަޖެއްސި އެވެ. މި މައްސަލާގައި ހައްޔަރުކުރި އެމްޕީއެލްގެ ތިން މުވައްޒަފުންގެ ތެރެއިން އެކަކީ ސީސީޓީވީ ނިއްވައިލި މީހާ އެވެ.

މި ކަންކަން ހަމަޖެހުނު އިރު ބަނދަރަށް ކޮންޓެއިނަރު ބަލައި ވަންނަ ކަމަށް ހުއްދަ ދީފައި އޮތީ "ފިޔަ" ކިޔާ ދޯންޏަކަށް ކަމަށް އެމްޕީއެލްގެ ރެކޯޑްތަކުން ދައްކަ އެވެ. އެކަމަކު ވައްކަން ފަޅާއަރައިގެން ބެލި އިރު އެ ނަން ކިޔާ ދޯންޏެއް ވަދެފައިވާކަން އެއްވެސް ފުޓޭޖަކުން ނުފެނެ އެވެ. ނަމަވެސް އެ ދޯނި ވަންނަން ހުއްދަ ހޯދި ދުވަހުގެ ރޭ، ހުއްދަ ނަގާފައި ނެތް، އެޕޯލޯ ކުންފުނީގެ ދޯންޏެއް ކޮންޓެއިނަރުތަކާ އެކު ދަނިކޮށް ވަނީ ކެމެރާއަކަށް އަރައިފަ އެވެ. އެއީ ކޮން ތަނެއްގައި ހުރި ކެމެރާއެއްކަން "މިހާރު" އަށް އެނގުނަސް ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކުރީ އެވެ.

ދޯނީގެ މިސްރާބު ހުރީ ހުޅުމާލެ 2 އާ ދިމާލަށެވެ. އެކަމަކު އަސްލު ދިޔައީ ތިލަފުއްޓަށްކަން މިހާރު ވަނީ އެނގިފަ އެވެ. ބެލެވޭ ގޮތުގައި ހުޅުމާލެ 2 އާ ދިމާލަށް ދޯނީގެ މިސްރާބު ބެހެއްޓީ ފަޅާއެރިޔަސް މި ވައްކަމުގެ އޮޕަރޭޝަން އޮޅުވައިލާށެވެ.

ތިލަފުށީގައި ހެދި ދެ ކޮންޓެއިނަރު ގެންގޮސް އެމްޕީއެލް ހުޅުމާލޭ ބަނދަރަށް ބާލައި، ސިނގިރެޓް ހުރި ދެ ކޮންޓެއިނަރު ހިފައިގެން މިދިޔަ އޮގަސްޓް ހަ ވަނަ ދުވަހުގެ ގޭ 11 ޖަހާކަންހާއިރު ތިލަފުއްޓަށް ދިޔައީ އެވެ. ވަގަށް ނެގި ދެ ކޮންޓެއިނަރު ހުރި ތަނުގައި، ޓަޔަރާއި އޭތި މީތި އަޅާފައި ހުރި ދެ ކޮންޓެއިނަރު ބަހައްޓައިފަ އެވެ.

ފުލުހުން މިހާރު ވަނީ ސިނގިރެޓް ހުރި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފަ އެވެ. އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ހެދީ ކާކު ކަމާއި އެކަމާ ގުޅުން ހުރި އެތައް ހެއްކެއް ވެސް ލިބިއްޖެ އެވެ. ހަލާކުކޮށްލި ދެ ކޮންޓެއިނަރު ބާދަނގަޑަށް ކިރުވި ކަމާއި އެ ގަތީ ކޮން ކުންފުންޏަކުން ކާކުކަން ވެސް އެނގެ އެވެ. ތިލަފުއްޓަށް ގެންދިޔަ ކޮންޓެއިނަރު ހަލާކު ކޮށްލުމުގައި އެހީތެރިވި މީހުން ވެސް ފުލުހުންނަށް ގާތްގަނޑަކަށް އެނގޭ ކަމަށް ވެ އެވެ. ބައެއް މީހުންނާ ސުވާލު ވެސް ކޮށްފި އެވެ.

ރާއްޖޭގައި ވިއްކުމަށް ދިވެހިން އިންޒާރުގެ ލޭބަލް ޖަހައިގެން ހަދާފައި ހުރި މެންޗެސްޓާ ބްރޭންޑުގެ 13.6 މިލިއަން ސިނގިރެޓް ކޭސްތަކުގައި ހުރި ގޮތަށް ޖަމްބޯ ބޭގްތަކަށް އަޅައިގެން އެކި ދިމަދިމާލަށް ގެންގޮސް ހުސްކޮށްފި ކަމަށް ވަނީ ބެލިފަ އެވެ.

ވައްކަމުގައި އެމްޕީއެލް ތެރެއިން އެހީވި ތިން މީހަކަށް، ތުހުމަތުވާ ވިޔަފާރިވެރިޔަކު ފްލެޓް ހުށަހެޅި ކަމަށް މިހާތަނަށް ވަނީ އެނގިފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ރިޝްވަތުގެ ގޮތުގައި ފްލެޓް ގަބޫލުކުރި އިރު އަނެއް މީހާ އެދުނީ ފައިސާއަށެވެ. އޭނާއަށް ފުރަތަމަ 250،000ރ. ދިނުމާ އެކު އަނބިމީހާގެ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން ފަދަ ބައެއް ދަރަނިތައް އަދާކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 10،000ރ. ޖުވާކުޅުމަށް ހޭދަކުރި އެވެ. އެއިން 100،000ރ. ލިބުމުން އެ ފައިސާ އަނެއްކާވެސް ޖުވާއަށް ބޭނުންކުރި ތަނުން އެ ފައިސާ ގެއްލުނީ ކަމަށްވެ އެވެ.

އެކަމަކު ބޮޑު ވައްކަމުގެ ވާހަކަ މީޑިއާގައި ތިލަވުމާ އެކު، މި ފައިސާ ލިބުނު މީހާގެ އަނބިމީހާއަށް ޝައްކުވެ ސުވާލުކުރި އެވެ. އެ ހިސާބުން މި ވާހަކަ ތަހުގީގީ އިދާރާތަކާ ހަމަޔަށް ވެސް ގެންދިޔަ އެވެ.

ތަހުގީގަށް މިހާރު ހައްޔަރު ކޮށްފައިވާ ބައެއް މީހުން ތަހުގީގަށް އެއްބާރުލުން ނުދީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި ވިޔަސް، ބައެއް މީހުން އެއްބާރުުލުންދީ، މުހިންމު ބައެއް މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.

މި މާސިންގާ ވައްކަމާ ގުޅޭ ފުޓޭޖުތައް އަދި ޝައްކު ކުރެވޭ ޓްރާންސެކްޝަންތައް ވެސް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އަދިވެސް އިތުރަށް ވަރަށް ގިނަ ކަންކަން ހޯދައި، އެއްކުރަން ޖެހެ އެވެ. ވަގުންގެ ނެޓްވޯކް އަދި މި ހިސާބަކު ނުނިމެ އެވެ.