އެންއައިސީއަށް ހަތަރު މެމްބަރަކު އައްޔަންކޮށްފި
އެންއައިސީއަށް ހަތަރު މެމްބަރަކު އައްޔަންކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެމްބަރުން މިއަދު އައްޔަނުކޮށްފި އެވެ.

އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގަ އެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފަ އެވެ.

އެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ އާއި ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާނާއި ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ކޮމިޝަނަށް އެ ހަތަރު މެމްބަރު އައްޔަނު ކުރައްވައިފަ އެވެ.

އޭގެ ތެރެއިން ޝުއައިބަކީ މިހާރު ވެސް އެންއައިސީގެ މެމްބަރެކެވެ.

އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ޝުއައިބްގެ އިތުރުން މިހާރު އެ މަގާމުގައި ތިއްބެވީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމާއި ނައިބު ރައީސް އާޝިޔަތު ޝިއުނާގެ އިތުރުން މެމްބަރު އާމިނަތު ޝާދިޔާ އާއި މަރްޔަމް އިންޝާ ފައިސަލެވެ.

އިންޝާ ފިޔަވާ ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.

އެ ކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްސް ފަދަ މުއައްސަސާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.