ޣައްޒާ އަށް ވައްދާ ފައުޖުގައި ތުރުކީގެ ސިފައިން ހިމަނަން ނަތަންޔާހޫ ދެކޮޅު ހަދައިފި
ޣައްޒާ އަށް ވައްދާ ފައުޖުގައި ތުރުކީގެ ސިފައިން ހިމަނަން ނަތަންޔާހޫ ދެކޮޅު ހަދައިފި

ޣައްޒާ އަށް ވައްދަން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ ފައުޖުގައި ބައިވެރިވާނެ ގައުމުތައް ކަނޑައަޅާނީ އިޒްރޭލުން ކަމަށް، ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އެމެރިކާ މެދުވެރިވެގެން، ހަމާސް އާއި އިޒްރޭލާ ދެމެދު ވެފައިވާ ހަމަަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތުން މައިގަނޑު ގޮތެއްގައި އިސްލާމީ ގައުމުތަކާއި އަރަބި ގައުމުތަކުގެ ސިފައިން ބައިވެރިވާ ބައިނަލްއަގުވާމީ ފައުޖެއް ޣައްޒާ އަށް ވައްދަން ޖެހެ އެވެ.

ނަމަވެސް ތުރުކީ ސިފައިން ވެއްދުމާ ދެކޮޅު ހަދައި، ނަތަންޔާހޫ ބުނީ ބައިނަލްއަގުވާމީ ފައުޖު ވައްދާއިރު، އެ ފައުޖުގައި ބައިވެރިވާނެ ބަޔަކު ކަނޑައަޅާނީ އިޒްރޭލުން ކަމަށެވެ.

އޭނާ ބުނީ، އެހެން އެއްވެސް ބަޔަކާ މަޝްވަރާ ވެސް ނުކުރާނެ ކަމަށާއި ގޮތް ނިންމާނީ އިޒްރޭލުން އަމިއްލަ އަށް ކަމަށެވެ.

ޣައްޒާގައި އިޒްރޭލުން ދެ އަހަރު ވަންދެން ހިންގި ޖެނޮސައިޑް މެދުކަނޑާލައި ޣައްޒާގެ ބައެއް ސަރަހައްދުތަކުން ފައުޖުތައް ފަހަތަށް ޖެއްސި ނަމަވެސް ފަލަސްތީނު މީހުންނާ ދެކޮޅަށް މިހާރު ވެސް ޖަރީމާތައް ހިންގަ އެވެ. ޣައްޒާގައި ކޮންމެ ދުވަހަކު ވެސް އެތައް ހަމަލާއެއްދީ މީހުން މެރުމުގެ ޖަރީމާ އިޒްރޭލުން ހުއްޓައެއް ނުލަ އެވެ.

ހަނގުރާމައަށް ފަހު، މިނިވަން ތަޖުރިބާކާރުންގެ ކޮމިޓީއަކުން ޣައްޒާ ބެލެހެއްޓުމަށް ހަމާސް އާއި ފަލަސްތީނުގެ ސިޔާސީ ބޮޑެތި ޕާޓީތަކުން ވަނީ މީގެ ދެ ދުވަސްކުރިން އެއްބަސްވުމަކަށް އައިސްފަ އެވެ.

މިސްރުގެ ގާހިރާގައި ބޭއްވި ބައްދަލުވުމަކަށް ފަހު، ހަމާސްގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާ ހިންގުން ވަގުތީ ގޮތުން ފަލަސްތީނުގެ މިނިވަން ކޮމިޓީއަކަށް ބަދަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.

އާންމު ދިރިއުޅުމުގެ ކަންކަމާއި ޒަރޫރީ ހިދުމަތްތައް އެ ކޮމިޓީން ހަމަޖައްސައި ދޭނީ އަރަބި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެންމެން އެއްގަލަކަށް އެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ފެކްޝަންތަކުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.