ބުރު ސްޕޯޓްސްއާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!
ބުރު ސްޕޯޓްސްއާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!

ބުރު ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޮޑި އަލުން މޮޅުވުމުގެ ރޭހަށް ވަދެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މޮޅުވުމުގެ ޓްރެކުގައި ކުރިއަށްދަނިކޮށް، އޮޑި އަށް ހުރަސް އެޅީ މިދިޔަ ހަފުތާގައި އީގަލްސްއިންނެވެ. އީގަލްސް އާއި އޮޑީގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

އަލުން މޮޅުވުމުގެ ރޭހަށް އެނބުރި އައި މެޗުގައި، ފުރަތަމަ ލީޑް ނެގީ ބުރުންނެވެ. މެޗުގެ 36 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައި ދިނީ މުހައްމަދު ނާއިމް އެވެ. އޭނާ ލަނޑު ޖެހީ އެ ޓީމުގެ އިބްރާހިމް އުސާމާ ހުސައިން މަޖީދު ނަގައި ދިން ހުރަސް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

އުސާމާ ނަގައިދިން ހުރަސް ދިފާއު ކުރަން، އޮޑީގެ ހެންގޭރީގެ ޑިފެންޑަރު ބާނަބަސް ޓޯތު ބޯޅަ އަށް ޓެކުލު ވެސް ކުރި އެވެ. އެކަމަކު އޭނާ ފައިގައި ބޯޅަ ލައްވާނުލުމުން އެ ބޯޅަ ނާއިމް އަށް ލިބުނީ މުޅިން ހުސްކޮށެވެ.

ބުރުން ލީޑްގައި އޮވެގެން ފުރަތަމަހާފު ނިންމާލި ނަމަވެސް އެ ޓީމަށް ލީޑްގައި ނުހިފެހެއްޓުނެވެ. ދެވަނަ ހާފު ފަށައިގެން ތިން މިނެޓްތެރޭ އޮޑިން ނަތީޖާ ހަމަހަމަ ކުރި އެވެ. އަހްމަދު އައިހަމް ނެގި ކޯނަރު ބޮލުން ވައްދާލައިގެން އޮޑި އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަބްދުﷲ ލޫތު އިބްރާހިމެވެ.

މެޗު ހަމަހަމަވެގެން ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް އޮޑިން ނަތީޖާ ބަދަލު ކުރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ.

ބުރުގެ އޭރިއާގެ ބޭރުން އަހްޒަމް ރަޝީދު ދިން ބޯޅަ މުޒުދާން ހަސަން، ކޮންޓްރޯލުކޮށްލުމަށް ފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނާނެ ޖާގަ ނުލިބުމުން ޑީއޭރިއާގެ ތެރޭގައި ހުރެފައި އޭނާ ބޯޅަ ދުރުން ފޮނުވާލައި ލަނޑު ޖެހި އެވެ.

މުޒުދާން ބޯޅަ ފޮނުވާލީ ތިރިތރިންނެވެ. އެ ބޯޅަ ދަނޑިކައިރިން ގޮސް ވަނީ ގޯލްގެ ކަނަށެވެ. ކީޕަރު މުހައްމަދު ފައިސަލް އަށް ވެސް އެ ބޯޅަ ދިފާއު ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް އެކަން ކާމިޔާބެއް ނުވި އެވެ.

މި ނަތީޖާއާ އެކު އޮޑި ވަނީ 13 ޕޮއިންޓް ދެވަނަ އަށް ޖެހިލާފަ އެވެ. މިހާރު ތިންވަނައިގައި އޮތީ އެއް މެޗު މަދު ކުޅެފައިވާ ނިއު ރޭޑިއަންޓެވެ. ބުރު އޮތީ ހަތަރުވަނައިގަ އެވެ.