26 އޮކްޓޯބަރ 2025 - 14:44

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހުއްދަ ނެތި ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާނުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
ޕޮލިސް ރެކޯޑްތައް ބެލެހެއްޓުމާ ބެހޭ ގަވާއިދަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން، ޖިނާއީ މައްސަލަތަކުގެ ތެރެއިން ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތަކުގެ އަސްލު އެއް އަހަރު ފަހުން ނައްތާލެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް އެހެން މައްސަލަތަކާ ގުޅިގެން ބޭނުން ކުރެވޭނެ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
އެހެންވެ، ދައުވާ ނުކުރަން ނިންމައި މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން އެ އިރުޝާދު ފުލުހުންނާ ހިއްސާ ކުރެވެންދެން ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔުމެއްގެ އަސްލު ނައްތާނުލަން ފުލުހުންނަށް މިއަދު އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.