ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުން ތައްޔާރުވާން ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމްއޭސީއެލް އިން ބުނީ، އެ ބައްދަލުވުމުގެ ބޭނުމަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދަން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ވިންޓާ ނުވަތަ ޑިސެމްބަރުން ފެށިގެން އެޕްރީލްގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރެ އެވެ. މި ދުވަސްވަރަކީ ޓޫރިޒަމްގެ ޕީކް ސީޒަނެވެ.

އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދު ވިދާޅުވީ ހިދުމަތްތައް ރަނގަޅުކުރަން އެ ކުންފުނިން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހެ އެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުން ވެސް ބަދަލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރި އެވެ.