ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވިކަން ރިޒާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ސަބަބެއް ވިދާޅެއް ނުވި އެވެ.

ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވިއިރު، ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް މިރޭ ސުޕްރީމް ކޯޓުގައި ބާއްވަން އުޅުނު ރަސްމިއްޔާތު ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ރިޒާއަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ހުންނެވި މެންބަރެވެ. އެ ކޮމިޝަނުގެ ރައީސް ކަމަށް އޭނާ އިންހާބުކުރީ މިދިޔަ އަަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ރިޒާ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މިފަހުން ވަރަށް ފާޅުގައި ވާހަކަ ދައްކަވައިފަ އެވެ.

ޝަރުއީ ދާއިރާއާ ގުޅުން ހުރި އިދާރާތައް ނުވަތަ ތަންފީޒީ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެ ގޮތަށް ބަލައިފި ނަމަ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް އޭނާ މިފަހުން ވިދާޅުވި އެވެ.

ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ރިޒާ ދާދި ފަހުން ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ. ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.

"މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި އެބަހުރި މިލިއަން ސަބަބުތައް އިނގޭތޯ. އޭގެ ތެރެއިން ހަމަ ގާތްގަނޑަކަށް ދިހަވަރަކަށް ސަބަބު އަޅުގަނޑު ދަންނަވާލާނަން،" ކޯޓުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ދިގު ލިސްޓެއް ފައްޓަވަމުން ރިޒާ އޭރު ވިދާޅުވި އެވެ.