ބަތަލާ ކުއްޔަށް ދިނުމުގައި ސަރުކާރުގެ އިދާރާތަކުގެ އިހުމާލު އެބައޮތް: އޮޑިޓް
ބަތަލާ ކުއްޔަށް ދިނުމުގައި ސަރުކާރުގެ އިދާރާތަކުގެ އިހުމާލު އެބައޮތް: އޮޑިޓް

ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ސަރަހައްދަކުން، ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދިނުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވާ ގުޅޭގޮތުން ހެދި ތިމާވެށީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ޓޫރިޒަމް މިނިސްޓްރީން އެ އަތޮޅު ބަތަލާ 20 އަހަރަށް ކުއްޔަށް ދޭން އެއްބަސްވުން އެކުލަވާލީ، އެރަށަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުގެ ކުރިން ކަމަށެވެ.

އެރަށް ކުއްޔަށް ދީފައިވަނީ އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ ރޭޓުންނެވެ. އެކަމަކު އެރަށް ކުއްޔަށް ނެގި ފަރާތުން އަދި މިނިސްޓްރީން ވެސް އެ ރަށުގެ ސައިޒް މީރާއަށް އަންގާފައިނުވާތީ ކުލި ދައްކަންޖެހޭ އަދަދު އެއްބަސްވުން އުވާލި ތާރީހާ ހަމައަށް ވެސް ހިސާބު ނުކުރެވޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ބަތަލާ ހިމެނޭ ސަރަހައްދު، ރައްކާތެރިކޮށް ދަމަހައްޓާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން، 2011 ގަ އެވެ. އެރަށް ރައްކާތެރި ސަރަހައްދަކަށް ކަނޑައެޅިއިރު ވެސް އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ވަރުވާއަށް ދޫކޮށްފައިވާ އޮތް ރަށެކެވެ. އަދި ފިޝަރީޒް މިނިސްޓްރީން ކުއްޔަށް ދިން ފަރާތަށް އެ އެއްބަސްވުން އުވާލިކަން އެ މިނިސްޓްރީން އަންގާފައިވަނީ އޭގެ ގާތްގަނޑަކަށް ތިން އަހަރު ފަހުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި މިރަށް ހިމެނޭ ސަރަހައްދު ކަނޑައަޅާފައިވީ ނަމަވެސް ހިމާޔަތް ކޮށްފައިވާ ތާރީހުން ފެށިގެން (ތިން އަހަރާއި ދެ މަސް) ވަންދެން އެރަށަކީ އެހެން ފަރާތަކުން ކުލި ދައްކާ، ބޭނުން ކުރަމުގެ ހުއްދަދީފައިވާ ރަށެއް،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ރަށް ބޭނުންކޮށްފައިވަނީ ތިމާވެއްޓާ ރަށްޓެހި ރައްކާތެރި ގޮތަކަށްކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ. އަދި އެރަށް ހިމެނޭ ސަރަހައްދު ހިމާޔަތް ކުރަން ކަނޑައެޅިއިރު އެންވަޔަމެންޓް މިނިސްޓްރީން އެރަށަކީ ކުއްޔަށްދީފައިވާ ރަށެއް ވެސް ބަލާފައިނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެހެންވެ، އެއް މިނިސްޓްރީން ނިންމާ އެފަދަ ނިންމުންތަކުގެ މައުލޫމާތު ފަސޭހައިން ކަށަވަރުކޮށް، އަޕްޑޭޓްތައް ބެލޭނެ ނިޒާމެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ބަތަލާ ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ހަދާފައިވަނީ އޮކްޓޫބަރު 2013 ގަ އެވެ. އެކަމަކު އެ އެއްބަސްވުމުގެ މައުލޫމާތު މީރާއަށް ހިއްސާކޮށްފައިވަނީ ޖުލައި، 2016 ގަ އެވެ. އަދި އޭގެ އެއް މަސް ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. އަދި އެ ރަށް ފަހުން ވަނީ އެއްކޮށް ގިރައިގެން ގޮސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހާ ގިނަ ދުވަސްތަކެއްވި ނަމަވެސް، މީރާއަށް އެ މައުލޫމާތު ލިބުމާއެކު ވަނީ އެ ރަށް ކުއްޔަށް ހިފި ފަރާތުގެ ކިބައިން ކުލި ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އަދި އެ ކުންފުނިން ފޯރުކޮށްދިން މައުލޫމާތަށް ބިނާކޮށް އެރަށުގެ ކުލި މީރާއަށް ދައްކާފައިވެ އެވެ. އެކަމަކު ޓޫރިޒަމް މިނިސްޓްރީން އެރަށުގެ ލޭންޑް އޭރިއާއާ ގުޅޭ ލިޔެކިޔުން ހުށަހަޅާފައި ނުވާތީ، ކުލީގެ ގޮތުގައި މީރާއަށް ދެއްކި އަދަދުގެ ސައްހަކަން އޮޑިޓް އޮފީހަށް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރި މުއްދަތުގައި އެރަށަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވާތީ، އެރަށުގައި ކުރުން މަނާ ކަންތައްތަކެއް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެއް ހިންގާފައިވާކަން ބަޔޮސްފިޔާ ރިޒާވް އޮފީހުން އަންގާފައި އޮތް ނަމަވެސް، އެ ކަން ސަރުކާރުން ބަލައި، ފިޔަވަޅު އަޅަފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެހެންވެ، އެ ރަށް ކުއްޔަށް ދިނުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.