26 އޮކްޓޯބަރ 2025 - 12:23

ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ 1 އިން ރޭ ދަންވަރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލްކުރަން ނުކުމެ އުޅުނު ފުލުހުން ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގުލަދޭޝްގެ ދެ މީހުން ކަމަށްވާ އެމްޑީ ރިޔާސުއްދީން، 19، އާއި އެމްޑީ އަޝްރަފުލް އަލަމް، 27، އަދި ޕާކިސްތާނު މީހެއް ކަމަށްވާ ޔާސިރް ހަމީދު، 24، އެވެ.
ފުލުހުން ބުނި ގޮތުގައި، ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވެ އެވެ.
އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.