26 އޮކްޓޯބަރ 2025 - 15:35

އައްޑޫގެ ހުޅުދު އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ "އަޅުވެތިކަމުން" ސަލާމަތްވެ އިއްޔެ ލިބުނީ ފުރިހަމަ ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދެ ދާއިރާގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން އިއްޔެ ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފަ އެވެ. އެ ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާށެވެ. އެކަމަކު، ފޭދޫން ނިންމީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ.

ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. ހުޅުދޫއިން 2،874 މީހުންގެ ތެރެއިން 1،069 މީހުން ވަނީ ވޯޓުގައި ބައިވެރިވެފަ އެވެ.

އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހްމާން "މިހާރު" އަށް ވިދާޅުވީ ކަނޑާއި ފަޅު ފަދަ ހުރިހާ އެއްޗެއް ބޭނުންކުރުމުގެ ފުރުސަތު އެ ވޯޓުން އެ ރަށަށް ފަހިވެއްޖެ ކަމަށެވެ. ވަކި ކައުންސިލެއްގެ މިނިވަންކަން ލިބި، މީދޫ މީހުންގެ ސިކުނޑި ތަންދިން މިންވަރަކުން ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ވަކި ކައުންސިލަކާ އެކު، ރަށުގެ ތަރައްގީ އަށް ރަނގަޅު ކަންކަން ކުރެވޭނެ އެވެ.

ހުޅުދޫގެ ރިކަރަންޓަށް މިހާރު ވެސް ހަރަދު ވަނީ 8 ލައްކަ ރުފިޔާ ކަމަށް ވާތީ ސަރުކާރުން ދޭ ގްރާންޓުން ކޮންމެ އަހަރަކު ވެސް ބޮޑު އެއްޗެއް ބާކީވާނެ ކަމަށާއި އޭރުން ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން އަބްދުއްރަހްމާން ފާހަގަކުރެއްވި އެވެ.

އެ ވޯޓުގައި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނަސް އެ އިންތިހާބުގައި ބައިވެރިވީ އޭގެ ތެރެއިން 1،008 މީހުންނެވެ.
މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ވިދާޅުވީ އެ ދާއިރާގެ 100 ޕަސެންޓް މީހުން ނުކުތަސް ނަތީޖާ ފެންނާނީ އެއްގޮތަކަށެވެ.
"ޖެނުއިންކޮށް ދަންނަވާލާނީ ހަމަ އަސްލު ނަތީޖާއޭ. ވޯޓުލެވޭ ހާލަތުގައި ތިބި ރައްޔިތުން ލި ވޯޓަކީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ދަރިންގެ ދަރިން ވެސް ރިގްރެޓް ނުކުރާނެ. ކޮންމެ ބަޔަކު ވެސް ބޭނުން ވާނީ މިނިވަންކަން. އަޅުގަނޑުމެން ފުރަތަމަ ގޭތެރެއިން ވެސް، އާއިލާ ތެރެއިން ވެސް ބޭނުންވާނީ މިނިވަންކަން. ވަކިން ގެއަކަށް ދާން. ވަކި ދިރިއުޅުމެއް އާރާސްތުކުރަން. މިއީ އެ ކަހަލަ ކަމެއް. މިނިވަންވި ކަމަށް ދެކެނީ [ކައުންސިލް ވަކިވީމަ]. އަޅުގަނޑަށް ސިފަކުރެވެނީ އަޅުވެތިކަމެއްގެ ގޮތުގައި،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ޕްރޮޖެކްޓުތަކާއި ޓޫރިޒަމް ހިންގަން ވެސް ރަށުގެ އެކި ފަރާތްތަކުން މަސައްކަތް ކުރަން ބޭނުންވެ އެވެ. ނަމަވެސް، އެފަދަ ކަންކަމަށް ކައުންސިލް ތެރެއިން އެއްބާރުލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީދުއަށް ބޭނުންވަނީ ރަނގަޅު ތައުލީމަކާއި އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ކަމަށާއި ވަކި ކައުންސިލަކާއެކު އެކަންކަމަށް ވެސް އުއްމީދެއް އެބައޮތް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަދަ ފުރުސަތުތައް ހޯދުމަށް އެ ރަށުން ގިނަ ބަޔަކު ހިޖުރަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އާ ބަދަލުން، އެ މީހުން އަނބުރާ ރަށަށް ދިއުމުގެ އުއްމީދު އޮތްކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު މީގެ 15 އަހަރު ކުރިން ވުޖޫދުވީއްސުރެ އެ ރަށުގެ ރައްޔިތުން ވަކާލާތުކުރަމުން ދިޔައީ ވަކިވާން ކަމަށެވެ.
އައްޑޫގައި ދެން އޮންނަ ރަށްތަކާއި ވަކިން، ދުރުގައި އޮންނާތީ ހިދުމަތްތައް ހޯދުމާއި ލިބިގަތުމުގައި ހުޅުދޫ އޮންނަނީ ބާކީވެފައި ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ އުނދަގޫތަކުގެ ސަބަބުން ހުޅުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އަންނަނީ އެ އިރެއްގައި އޮންނަ ސަރުކާރަކަށް ކަމަށެވެ. ލާމަރުކަޒީ ގާނޫނާއެކު ކައުންސިލްތަކަށް ދޭ ބަޖެޓުން އާއްމުންނަށް ހިދުމަތް ދޭން ބާރު އެޅިއަސް، ޝާހިދު ވިދާޅުވީ، އެ ރަށުގެ މީހުން ފާއިތުވި ދުވަސްތަކުގައި ތިބީ އުއްމީދު ގެއްލިފައި ކަމަށެވެ.
"އަތޮޅުގެ ރަށްތަކާ ވަކިން އޮންނާތީ އުނދަގޫވޭ. ވަކި ކައުންސިލަކާއެކު ކުރިއަށް ދިއުމަށް ރަށުގެ އާއްމުން ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފައި،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައިި ހުޅުދޫ އަދި މީދޫގައި ވަކި ދެ ކައުންސިލެއް ހަދަން އެދޭތާ އެތައް އަހަރެއް ފާއިތުވެދިޔަ އިރު އެއްވެސް ރައީސަކަށް އެކަން ކުރަން ކެރިވަޑައިނުގަތެވެ. ނަމަވެސް، ގާނޫނަށް އިސްލާހު ގެނެސްގެން އެ ފުރުސަތު ދިނީ، ޝާހިދު ވިދާޅުވި ގޮތުގައި، އެ ދެ ރަށުގެ ރައްޔިތުން އެދިގެންނެވެ.
"ހުޅުދޫ، މީދޫގެ ރައްޔިތުން ބޭނުންވީ އެ ބޭފުޅުންނަށް ހުރި މި ފަދަ ގޮންޖެހުންތަކާއި އުނދަގޫތަކުން އަރައިގަތުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި. އެ ގޮތުގެ މަތިން މި ނިންމުން ނިންމީ. ވަރަށް އުފާކުރަން އަދި މަރުހަބާ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ހިންގުމުގެ ދާއިރާގައި ހުރި ދަތިތަކާ ހެދި އަޅުވެތިކަމުގެ އިހުސާސް، ހުޅުދޫގެ ބައެއް މީހުންނަށް ސިފަވާ ކަމަށާއި އެހެންވެ، އެ ބާރުތައް ރަށަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށުން ވަކިވިއަސް، ހުޅުދޫއަކީ އަދި ވެސް އައްޑޫގެ ބައެކެވެ. އެ އައިޑެންޓިޓީ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.