އައްޑޫ ސިޓީ ކައުންސިލުން ވަކިވުމުގެ އުފަލުގައި ހުޅުދޫ/މީދޫގައި ހަވާ އަރުވަނީ
އައްޑޫ ސިޓީ ކައުންސިލުން ވަކިވުމުގެ އުފަލުގައި ހުޅުދޫ/މީދޫގައި ހަވާ އަރުވަނީ

އިއްޔެ އައްޑޫގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލުން ވަކިވާން، ހުޅުދޫ އާއި މީދޫން ނިންމުމުން އެކަމުގެ އުފަލުގައި އެ ދެ ރަށުގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.

އައްޑޫގެ އެހެން ރަށްތަކާ ދުރުގައި އެއްފަސްގަނޑަކަށް އޮންނަ ހުޅުދޫ އާއި މީދޫގެ އިތުރުން، އެހެން ރަށްތަކާ އެއްކޮށް އޮންނަ ފޭދޫ، އައްޑޫ ކައުންސިލުން ވަކިވެ ކޮންމެ ރަށެއްގައި ވަކިން ކައުންސިލް އުފައްދަން ފެނޭތޯ ބަލަން އިއްޔެ ނެގި ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ ސިޓީ ކައުންސިލުން ވަކިވާށެވެ. ފޭދޫން ނިންމީ ވަކި ނުވާށެވެ.

މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން "މިހާރު" އަށް ވިދާޅުވީ ހަވާ އަރުވަނީ އޭނާ އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުޅުމީދޫ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މިރޭ ބާއްވަން ނިންމާފައިވާ ހާއްސަ އިވެންޓެއްގައި ކަމަށެވެ. ހަވާ އަރުވާނީ ދެ ރަށް ގުޅޭ ހިސާބުގަ އެވެ.

އޭނާ ވިދާޅުވީ ހަވާއެރުވުން އޮންނަނީ ހުޅުމީދޫގެ ބަނދަރު ސަރަހައްދުގައި މިރޭ 8:30 ގައި ބާއްވާ އެ އިވެންޓުގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ ހަވާ އަރުވާނީ ފަސް ވަރަކަށް މިނެޓަށް މިރޭ 9:00 ގައި ކަމަށެވެ.

އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވާލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުން ދެކޭ ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ. އެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް ވޯޓު ދިނީ އިއްޔެ ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.

އިއްޔެ މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ. އެކަމަކު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.

އައްޑޫ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ފޭދޫން ވޯޓު ދިނީ 616 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 1،784 މީހުންނެވެ. ހުޅުދޫން ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ 723 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ ހުޅުދޫގެ 329 މީހުންނެވެ. މީދޫން ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ 847 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ.