ޖެނެރޭޝަން ބޭންއަށް އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފަށާނެ
ޖެނެރޭޝަން ބޭންއަށް އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފަށާނެ

ދުންފަތުގެ ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފެށުމުގެ ކުރިން، އެކަން ތަންފީޒުކުރުމާ ގުޅޭ ގަވައިދު ގެޒެޓުކުރާނެ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އެއާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ޖެނެރޭޝަން ބޭން ކުރުމާ ގުޅޭ ގަވައިދު، އަންނަ ހޮނިހިރު ދުވަހުގެ ކުރިން އާއްމުކުރާނެ ކަމަށެވެ. އޭގެ ދަށުން، ކޮންމެ އުމުރެއްގެ މީހެއް ވިއަސް ދުންފަތުގެ ބާވަތެއް ވިއްކޭނީ އުމުރު ކަށަވަރުކުރެވޭނެ، ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާނަމަ، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގަ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ޖެނެރޭޝަން ބިލްގެ ގާނޫނު ތަސްދީގުކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުރި އެ ފަދަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހުތައް ތަންފީޒުކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވުމުން އަލަށް ގެނައި އިސްލާހުގައި އެ ހުރަސްތައް ކުޑަކުރުމަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.

"އެންފޯސްކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިއުމާލްކުރުމާ ބެހޭ ތަކެތި ގެންގުޅުމާއި އެތެރެކުރުމާއި ބެހެއްޓުމާއި ނައްތާލުމާއި މި ތަކެތި އަތުލުމަށް ފަހު އެ ތަކެތި ބަލަހައްޓާ ނައްތާލުމާ، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާއަތްތައް ވަރަށް ފުރިހަމަކޮށް ބަޔާންކޮށްފައި މިހާރު އޮންނާނެ." ރައީސް ވިދާޅުވި އެވެ.