26 އޮކްޓޯބަރ 2025 - 11:50

ސިނގިރޭޓު ވައްކަމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންނަކީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންކަން އެނގިއްޖެ އެވެ.

އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް، 42، އާއި ހ. ރުމޭނިއާ، އަހުމަދު ފިރުޝާން، 35، އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް، 35، އެވެ.
އެ ތިން މީހުން ވެސް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތަހުގީގުގެ ބޭނުމަށް އެ މީހުން ބަންދު ކުރުމުގެ އަމުރު ދީފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޝަމީމާއި ފިރުޝާން އަދި ސާމިހަކީ ވެސް މި ވައްކަން ކުރުމަށް އެމްޕީއެލްގެ ތެރެއިން ކަންކަން ފަހިކޮށްދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންނެވެ. އަދި އެތަނުން އެކަކީ އެ ވައްކަން ކުރި ވަގުތު ހުޅުމާލެ ބަނދަރުގެ ސީސީޓީވީ ކެމެރާ ނިއްވާލި މީހާކަން ވެސް އެނގިފައި ވެ އެވެ.
މި ބޮޑު ވައްކަމާ ގުޅިގެން އެމްޕީއެލް އިން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކުރި ހަ މީހުންގެ ތެރޭގައި ވެސް ޝަމީމާއި ފިރުޝާން އަދި ސާމިހު ވެސް ހިމެނެ އެވެ.
ތަހުގީގުގެ ބޭނުމަށް ޝަމީމާއި ސާމިހު ހަތް ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އިއްޔެ އަމުރުކޮށްފަ އެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަށެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގިކަމުގެ ތުހުމަތުގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ:
1. އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ ޝަރީއަތް ނިމެންދެން.
2. ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށް.
3. ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށް.
4. ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ ބަންދުކުރީ 15 ދުވަހަށް.
5. ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކުރާ ހަސަން އަބްދުއްރަހްމާން ބަންދުކުރީ ޝަރީއަތް ނިމެންދެން.
6. ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ބަންދުކުރީ ހަތް ދުވަހަށް.
7. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ޝަމީމް ބަންދުކުރީ މިއަދުން ފެށިގެން ހަތް ދުވަހަށް.
8. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން ބަންދުކުރީ މިއަދުން ފެށިގެން ފަސް ދުވަހަށް.
9. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ހުސައިން ސާމިހް ބަންދުކުރީ މިއަދުން ފެށިގެން ހަތް ދުވަހަށް.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނަގަން ފަންޑުކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވަނީ ހައްޔަރުކޮށްފަ އެވެ.
ދިގަލީގެ ބަންދަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވެ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އާއްޓޭގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ކޮންޓެއިނަރުތައް ވަގަށް ނެގިކަން ކަސްޓަމްސްއަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.