500 މިލިއަން ޑޮލަރު ހޭދަކޮށްގެން ނަތީޖާ މިހާ ދަށް ވެދާނެކަމަކަށް ސްލޮޓް ހީއެއްނުކުރޭ
500 މިލިއަން ޑޮލަރު ހޭދަކޮށްގެން ނަތީޖާ މިހާ ދަށް ވެދާނެކަމަކަށް ސްލޮޓް ހީއެއްނުކުރޭ

ޓްރާސްފާގައި ގެންނަ ބަދަލުތަކުން އުނދަގޫ ހާލަތެއް ވެސް ކުރިމަތިވެދާނެ ކަމަށާއި އެކަމަކު މިހާ ދަށް ނަތީޖާތަކެއް ނުކުމެދާނެކަމަށް ހީނުކުރާ ކަމަށް ލިވަޕޫލްގެ ކޯޗު އާނެ ސްލޮޓް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން ލިވަޕޫލް ބަލިވީ 3-2 ންނެވެ. އެއީ ލީގުގައި އެ ޓީމަށް ކުރިމަތިވި ވިދިވިދިގެން ހަތަރުވަނަ ބައްޔެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާސްންފާގައި އާ ކުޅުންތެރިން ސޮއި ކުރުވަން ލިވަޕޫލުން 532 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.

ސްލޮޓް ބުނީ ހޫނު މޫސުމުގެ ޓްރާންސްފާގައި ޓީމަށް ގެންނަ ބަދަލުތަކުން އުނދަގޫތަކެއް ކުރިމަތިވެދާނެކަން ކުރިން ވެސް އޭނާ ހީކުރި ކަމަށެވެ.

"ހޫނު މޫސުމުގައި ބޮޑެތި ބަދަލުތަކެއް ގެނައުމުން (ގޮންޖެހުންތަކެއް) ކުރިމަތިވާނެކަން އެއީ ހައިރާންވާންވީ ކަމެއް ވެސް ނޫން،" އޭނާ ބުންޏެވެ. "އެކަމަކު އަހަރެން ހީއްނުކުރަން ވިދިވިދިގެން ހަތަރު މެޗުން ބަލިވާނެ ކަމަކަށް. ބަދަލުތައް ގެންނަ އިރު އަބަދުވެސް ކޮންމެވެސް ވަރަކަށް އުނދަގޫ މަގެއް ހުންނާނެ. އެހެންވެ އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން.

"އަހަންނަކަށް ނޭނގެ މިވާހަކަ ބަލައިގަންނާނީ ބަހަނާއެއްގެ ގޮތުގައި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް. އެކަމަކު އެންމެ ފަހުން އަހަރެމެން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކުޅުނީ ރަށުން ބޭރުގައި. ހާއްސަކޮށް އަހަރެމެން ތަޖުރިބާ ކުރަމުން އަންނަ ގޯސް ފޯމަށް ބަލާއިރު މިއީ އެންމެ ރަނގަޅު ގޮތެއް ނޫން."

މިދިޔަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓް ބުނީ ރޭ ވީ ބައްޔަކީ އެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވި ފަހުން ކުރިމަތިވި އެންމެ ދަށް ނަތީޖާ ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން، މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު އޮތީ ތަށި ދިފާއު ކުރެވޭނެ ފެންވަރެއްގައެއް ނޫނެވެ. އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގަ އެވެ.