އިންޑިއާގެ ކޮމެޑީ އެކްޓަރު ސަތީޝް މަރުވެއްޖެ
އިންޑިއާގެ ކޮމެޑީ އެކްޓަރު ސަތީޝް މަރުވެއްޖެ

އިންޑިއާގެ ކޮމެޑީ އެކްޓަރު ސަތީޝް ޝާހް ކިޑްނީ ފެއިލްވެގެން އިއްޔެ މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ހިންދީ ޑްރާމާތަކާއި ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ސަތީޝް މަރުވީ އުމުރުން 74 އަހަރުގައި އޭނާގެ ދެ ކިޑްނީ ފެއިލްވެގެންނެވެ.

ސަތީޝްގެ މަރުގެ ޚަބަރު މީޑިއާއަށް ދިނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ފިލްމު އުފެއްދުންތެރިޔާ އަޝޯކް ޕަންޑިތެވެ.

އަޝޯކް އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ބުނީ ސަތީޝް މަރުވީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ.

އިންޑިއާގެ ގުޖުރާތަށް އުފަން ސަތީޝް އޭނާގެ އެކްޓިން ކެރިއަރު ފެށީ ހަތްދިހައިގެ އަހަރުތަކުގަ އެވެ. އެކަމަކު، އޭނާ މަޝްހޫރުވީ 1984 ވަނަ އަހަރު ގެނެސްދިން އިންޑިއާގެ ސިޓްކޮމް "ޔޭ ޖޯ ހޭ ޒިންދަގީ" އިންނެވެ. އެ ސިޓްކޮމްގައި އޭނާ ވަނީ 55 ކެރެކްޓާއެއް ކުޅެފަ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ވެސް އެކި ޑްރާމާތަކުން ފެނުނު ސަތީޝް 2004 އިން 2006 އަށް ކުޅުނު ސިޓްކޮމް "ސަރާބައި ވާސަސް ސަރާބައި" އަކީ ވެސް އޭރު ވަރަށް މަޝްހޫރު ސިލްސިލާއެކެވެ.

ސަތީޝް ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ދިލް ވާލޭ ދުލްހަނިޔާ ލޭ ޖައިގީ" އާއި "ހަމް އާޕްކޭ ހޭ ކޯން" އާއި "ހީރޯ ނަންބަރު ވަން" އާއި "މެއި ހޫ ނާ" އަދި "ފަނާ" ކަހަލަ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅެފަ އެވެ.

އޭނާ އެންމެފަހުން ކުޅުނު ފިލްމަކީ 2014 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "ސަމްޝަކަލްސް" އެވެ.

ސަތީޝް މަރުވި އިރު އޭނާގެ އަންބަކު ހުރެ އެވެ. އެކަމަކު، އެ ދެމަފިރިންގެ ކުއްޖަކު ނުހުރެ އެވެ.