ޝޫޓިންގައި އުޅެނިކޮށް އައްޒަ ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެ
ޝޫޓިންގައި އުޅެނިކޮށް އައްޒަ ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެ

ދިވެހި ޑްރާމާ ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަންގެ ޝޫޓިންގައި އުޅެނިކޮށް ފިލްމީ ތަރި މަރިޔަމް އައްޒަ ބިންމައްޗަށް ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެ އެވެ.

"ހުވާ"ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ މިރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި ބުނީ އައްޒައަށް އަނިޔާވީ ޑްރާމާގެ މަންޒަރެއް މިއަދު ނަގަމުން ދަނިކޮށް ހިނގި އިންސިޑެންޓެއްގައި ކަމަށެވެ. އެ މަންޒަރު ނަގަން އަހުމަދު އީސާ (އާނަންދު) އައްޒަ ކޮށްޕާލި ގަޑީގައި އޭނާ ވެއްޓި، އަނގަމަތި ފަޅައިގެން ދިޔައީ ކަމަށް ނަހުލާ ބުންޏެވެ.

"އެ މަންޒަރުގައި އާނަންދު އައްޒަ ހޫރުވާލި ގަޑީގައި އޭނާ އަނގަވަތަށް ވެއްޓިފައި، އަނގަމަތި ފަޅައިގެން ދިޔައީ،" ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ އައްޒައަށް ފަރުވާދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އައްޒަގެ ތުންފަތް ފަޅައިގެން ގޮސް، ދެ ދަތަކަށް ވެސް އަނިޔާވެފައިވާ ކަމަށް ނަހުލާ ބުންޏެވެ.

އައްޒައަށް އަނިޔާވެފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް "ހުވާ"ގެ ފޭސްބުކް ޕޭޖުގައި މިރޭ ވަނީ އާންމުކޮށްފަ އެވެ. އައްޒަގެ އަނގައިން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔައިރު އޭނާއަށް ރޮވިފައި ހުރި މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

ބޮޑު ތަރުހީބެއް ލިބުނު "ހުވާ"ގެ ދެވަނަ ސީޒަންގެ ޝޫޓިން، ވަރަށް ބޮޑު ބްރޭކަކަށް ފަހު ފެށީ މި މަހު ކުރީކޮޅެވެ.

ބައިސްކޯފުން ގެނެސްދޭ އެ ޑްރާމާގެ ދެވަނަ ސީޒަން ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ނަހުލާ ޓިކްޓޮކް ލައިވްގައި ބުނީ އޭނާގެ ހަތަރު ފިލްމެއް ކުރިއަށް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން ދެން އެންމެ އަވަހަށް ގެނެސްދޭ ފިލްމު "ގިސް"އަށް ކާސްޓުން ހޯދަން ފަށާފައިވާ ކަމަށާއި އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަހުލާ އެންމެފަހުން ގެނެސްދިން އާއިލީ ޑްރާމާ ފިލްމު "ސޮރީ"އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެ ފިލްމުގެ ލީޑް ތަރިއަކީ ވެސް އައްޒަ އެވެ.