ސީއެމްސީގެ ކިންގަކީ 19 އަހަރުގެ އަފްލާޒް
ސީއެމްސީގެ ކިންގަކީ 19 އަހަރުގެ އަފްލާޒް

މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ކިންގް އޮފް ފުޓްސަލްގެ މަގާމު އުމުރުން 19 އަހަރުގެ އަހުމަދު އަފްލާޒް ހޯދައިފި އެވެ.

ސީއެމްސީގެ ކިންގަކީ 19 އަހަރުގެ އަފްލާޒް
ސީއެމްސީގެ ކިންގަކީ 19 އަހަރުގެ އަފްލާޒް

މިދިޔަ އަހަރު އަލަށް ސީއެމްސީގައި މޯލްޑިވިއަން އަށް ކުޅެމުން އަފްލާޒް ވަނީ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

މިއަހަރު އޭނާ ވަނީ އާރުއާރުސީގައި ފައިނަލް މެޗުގައި ޖެހި ދެ ގޯލާ އެކު ޖުމްލަ އަށް ގޯލު ޖަހައި، ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. ފައިނަލުން އާރުއާރުސީ މޮޅުވީ 7-5 އިންނެވެ.

ޒުވާން އުމުރުގައި އަފްލާޒްގެ ހުނަރު އެންމެ ފުރަތަމަ ފާހާގަވީ ފެށީ އީގަލްސްގެ އެކަޑަމީގައި 2022 ވަނަ އަހަރުގެ 16 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކާމިޔާބު ކޮށްދިން ގޯލުތަކުންނެވެ. އެއަށް ފަހު ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ތ. ތިމަރަފުށީ ފުޓްސަލް ޓީމުން އަންނަނީ ގަވާއިދުން ޖާގަ ހޯދަމުންނެވެ. މިއަހަރުގެ ގޯލްޑަން ފުތްސަލް ޗެލެންޖްގައި އޭނާ ވަނީ ތ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު އޮތް ގޯލްޑް ކަޕްގައި ތިމަރަފުށީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފަ އެވެ.

އަފްލާޒްގެ އިތުރުން މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އާރުއާރުސީގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ގޯލްކީޕަރު މުހައްމަދު ލުފްޝާންގެ އިތުރުން އެސްޓީއޯގެ އަލީ ހައިސަމް (ޗުމްޕު) އާއި އަލް ކޮދަދާދީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އާރުއާރުސީގެ އިސްމާއިލް ޝަރީފް އެވެ.

ސީއެމްސީގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ އާރުއާރުސީގެ އާދަމް ނާސިހް (އާދަންނާ) އާއި ޝަނާން ރަޝާދެވެ. ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގައި ނުވަ ގޯލު ޖަހައިފަ އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް މޯލްޑިވިއަންގެ މުހައްމަދު އަބްދުﷲ ހޮވުނު އިރު ފެއާޕްލޭ ކުޅުންތެރިއަކީ މޯލްޑިވިއަންގެ އިބްރާހިމް ނަދާދެވެ. އަދި ފެއާޕްލޭ ޓީމަކީ މޯލްޑިވިއަން އެވެ.