އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ލިބުނު ހިތްދަތިކަމެއް: ނިޒާރު
އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ލިބުނު ހިތްދަތިކަމެއް: ނިޒާރު

އައްޑޫސިޓީ ކައުންސިލުން ހުޅުދު އާއި މީދޫ ވަކިވެ، ވަކި ކައުންސިލެއް އުފައްދަން މިއަަދުގެ ބޭއްވި ރިފަރެންޑަމްގައި ނިންމުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން މިއަދު ނެގި ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ ވަކިވާށެވެ. ފޭދޫން ނިންމީ ސިޓީކައުންސިލްގައި ދެމިތިބޭށެވެ.

ވޯޓަށް ފަހު ސޯޝަލްމީޑިއާ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށާއި އެހެން ނަމަވެސް ހުޅުދު އާއި މީދޫގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ.

"މި ހާލަތަކީ ދެކެން ބޭނުން ވި ހާލަތެއް ނޫން. އެހެންނަމަވެސް އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ލޮބުވެތި ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރަމުން މަރުހަބާ ދަންނަވަން" ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ނިޒާރު ވިދާޅުވި އެވެ.

މިއަދުގެ ވޯޓުގެ ނަތީޖާއަކީ އެ ދެރަށުގެ ރައްޔިތުންގެ އުދާސްތަކަށް ނިމުމެއް ގެނުވާނެ ނިންމުމެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ ހިތަދޫގައި އައްޑޫ ސިޓީކައުންސިލުން ހުޅުދުއާއި މީދުއަށް އިހުމާލުވާ ކަމަށް ބުނެ އެ ދެރަށުގެ ބައެއް ރައްޔިތުން މީގެ ކުރިން ފާޅުކުރަމުން އައި ކަންބޮޑުވުމަށެވެ.

މިއަދުގެ ވޯޓުގައި ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ނިޒާރު ސިފަކުރެއްވި ގޮތުގައި ދުރުވިސްނޭ، ތަަރައްގީ އާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ނިންމުމެކެވެ.

"ސިޓީގައި ދެމި ތިބުމަށް، ސިޔާސީ ފިކުރުން އެއްކިބާވެ ފޭދޫ ރައްޔިތުންގެ ތެރެއިން މަސައްކަތް ކޮއްދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާ އަޅުގަނޑުމެންނާ އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން އެދޭ ކަމަށާއި "ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ" އެކުވެރިކަމާއި އެކު ކުރިއަށް ދާން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީދު އާއި ހުޅޫދޫގެ ރައްޔިތުންނާ މެދު އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމުގެ ޔަގީން ވެސް އޭނާ ދެއްވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކުވެރިކަމާއި އެކު ތަރައްގީ ލިބިގަތުމަށް ކުރިންވެސް ކުރިހެން މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން. އައްޑޫ ހިތަދޫ، އައްޑޫ މަރަދޫ، އައްޑޫ މަރަދޫ ފޭދޫ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ،" އޭނާ ވިދާޅުވި އެވެ.

ހުޅުދު އާއި މީދޫ އަދި ފޭދޫގައި ވެސް ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ. .ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.