ދެ އަހަރުގެ ނާކާމިޔާބީއަށް ފަހު އާރުއާރުސީއަށް ޗެމްޕިއަންކަން
ދެ އަހަރުގެ ނާކާމިޔާބީއަށް ފަހު އާރުއާރުސީއަށް ޗެމްޕިއަންކަން

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) ހޯދައިފި އެވެ.

އާރުއާރުސީ ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި 7-5 އިން އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ.

އެސްޓީއޯއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމު ވަނީ ރެކޯޑް ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މީގެ ކުރިން އެމްއާރުޑީސީގެ ނަމުގައި 2017 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރި ޓީމް، އާރުއާރުސީގެ ނަމުގައި އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ 2021 ގަ އެވެ.

އެސްޓީއޯ ފާއިތުވި ދެ އަހަރު ވެސް ވަނީ ފައިނަލްގައި ވެމްކޯއާ ވާދަކޮށް ބަލިވެފަ އެވެ. ވެމްކޯ މިއަހަރު ކެޓީ "16 ބޯޅަ" ގައި އެސްޓީއޯ އަތުން ޕެނަލްޓީގައި ބަލިވެގެންނެވެ.

ރޭގެ މެޗުގައި އާރުއާރުސީ ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިދި ލީޑު ނަގައިފަ އެވެ. ދެ ލަނޑު ވެސް ޖަހައިދިނީ އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި ދެ ލަނޑު ޖަހަން އެހީވީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިރާގުގެ މުހުސިން މޮންޓަޒޭމީ އެވެ. ހާފު ނިމެނިކޮށް އަލީ ހައިސަމް (ޗުމްޕު) ދިން ބޯޅައަކުން އެސްޓީއޯގެ ލަނޑު ޖަހައިދިނީ އަލް ކޮދަދާދީ އެވެ.

ދެވަނަ ހާފުގައި އާރުއާރުސީގެ ކީޕަރު މުހައްމަދު ލުފްޝާން ދިން ބޯޅައަކުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މުހުސިން އެވެ. އަދި އޭގެ ފަހުން އެސްޓީއޯގެ އިސްމާއިލް އީސަ (މެސީ) އެސްޓީއޯއަށް ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް އަލުން އާރުއާރުސީ އަލުން ލީޑު ފުޅާ ކުރީ ބައިކޮޅަށް ވަން ލަނޑަކުންނެވެ.

އާރުއާރުސީގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ޖަހައިދިނީ އަހުމަދު އަފްލާޒް އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ އާދަމް ނާސިހް (އާދަންނާ) ދިން ބޯޅައަކުންނެވެ. ދެވަނަ ގޯލު ޖެހީ އަރިމަތިން އަރައިގެން ގޮސް ލިބުނު ހަނި އޭންގަލަކުން ފޮނުވަލި ބޯޅައަކުންނެވެ. އަދި ޓީމުގެ ފަހު ލަނޑު ޖެހީ އާދަމް ނާސިހް އެވެ.

އެސްޓީއޯގެ ފަހު ތިން ލަނޑު ވެސް ޖެހީ ފަހު ދެ މިނިޓު ތެރޭގަ އެވެ. އިސްމާއިލް އީސަ ދެ ލަނޑު ޖަހައިދިން އިރު ފަހު ލަނޑު ޖެހީ އިމްރާން މުހައްމަދު (އިންމި) އެވެ. ފަހު ދެ ލަނޑު އެސިސްޓް ކުރީ އަލީ އިފާޒް އެވެ.

އާރުއާރުސީ ވަނީ މިއަހަރުގެ ކްލަބް މޯލްޑިވްސްގެ ސީޒަން ފަށަން ކުޅުނު ކިންގްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މިއާ އެކު މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަންގައި ބާކީ އޮތީ ސެކްޓާ ލީގެވެ. މިރޭގެ ފައިނަލާ އެކު ވަނީ ފަސް މުބާރާތް ނިމިފަ އެވެ.

ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އާރުއާރުސީ ހޯދި އިރު، ސީއެމްސީ ކްލެސިކް ކާމިޔާބު ކުރީ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)ގެ ޓީމެވެ.

އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދި އިރު، އެއިޓީން ތާޓީ ކްލެސިކްގެ ޗެމްޕިއަންކަން ހޯދީ ކަރެކްޝަނަލް ސާވިސެސްގެ ޕްރިޒަން ކްލަބެވެ.