ވާހަކަ- އަންޖަލް
ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

"މުޅި އާއިލާ އެއްކޮށް ފަނާކޮށްލާނަން،" އަތީލާގެ ބަހުރުވައިން މަޑުމަޑުން އަތީލާ ބުންޏެވެ. "އެންމެން މަރާލާނަން."

ބަރުގާންގެ ކިބައިން ބަދަލު ހިފަން ފެންބޮވައިގެންފައިވާ ބަތޫރު ހުރީ ދަނޑިވަޅަކަށް ބަލަބަލައެވެ. ލަޝްކަރު ގޮވައިގެން ބަރުގާން އައިސް ބަތޫރު އަތުން ރާއިފު ޖަހައިގަތް ގޮތް ދުވަހަކު ވެސް ބަތޫރު ހަނދާނެއް ނުނެތޭނެއެވެ. ބަތޫރު އަށް ލިބުނީ އުންމީދު ވެސް ނުކުރާ ކަހަލަ ފުރުސަތެކެވެ.

"ތާރާ!" ރަށު ބަހުރުވައިން ބޮޑުބޭބެއަށް ކިޔާ ނަމުން އަތީލާ ނިކަން ބާރަށް ބަތޫރަށް ގޮވައިލިއެވެ. "އަހަންނަށް އަންޖަލް ގެނެސްދީ!"

އެއީ އަންޖަލްގެ ނަން އަތީލާ ބޭނުންކުރި ފުރަތަމަ ފަހަރެވެ. އަންޖަލް ދެކެ އަތީލާ ވަރަށް ލޯބިވިއެވެ. މައްސަލައަކީ އެއީއެވެ. މީހެއް ދެކެ ވަރަށް ލޯބިވެއްޖެ ނަމަ، ރުޅި އަންނަ އިރު ވެސް ވަރަށް ރުޅި އާދެވޭނެއެވެ.

"އިހަށް މަޑުކުރޭ!" ބަރުގާން އެދުނެވެ.

"އަހަރެން ނުޖެހޭ ކަލޭ ބުނާ ގޮތް ހަދާކަށް،" ބަތޫރު ބުންޏެވެ. "އަހަރުމެންގެ ވެރިޔަކީ އަތީލާ!"

ބަތޫރު އެހެން ބުނީ، ފަހަރެއްގައި ވެސް އަތީލާގެ ވެރިކަމުގެ ދަށުގައި ހުންނަން ހިތްހަމަޖެހޭތީއެއް ނޫނެވެ. އަތީލާގެ އަމުރަށް ކިޔަމަން ވާން ބޭނުންވާތީއެއް ވެސް ނޫނެވެ. އަތީލާގެ ވެރިކަން ނިންމައިލާނެ ގޮތް ބަތޫރު ރާވައި ނިންމައިފިއެވެ. އަތީލާ މަރައިލާފައި ބަތޫރު ވެރިކަން އަތުލާނީއެވެ. މުޅި ރަށާއި ލަޝްކަރާއި ރައްޔިތުން ބަތޫރުގެ ބާރުގެ ދަށަށް ގެންނާނީއެވެ. ޒަމާނުއްސުރެ ބަތޫރު އުންމީދުކުރި ދިރިއުޅުން ފެށޭނީ އެ ހިސާބުންނެވެ.

"އަހަރެން މަޑުކުރަންވީތަ؟" ބަތޫރު އެހިއެވެ.

"ދޭ! ރުހުމުގަ އޭނަ ނައިއްސިއްޔާ ދަމާފަ ގެނޭ!" ވެފައިވާ ދެރަ އާއި އައިސްފައިވާ ރުޅީގައި އަތީލާ ބުނީ އެހެންނެވެ. "އަހަންނަށް ވަރިހަމަ ހަތަރެސްފައިގަ ޗޭނު ޖެހިޔަސް. އަހަރެން އަހާލަން ބޭނުން އޭނަ ކައިރީގަ، ބައްޕަގެ ކުށަކީ ކޮބައިހޭ؟ ހަމަ މިހާރު ދޭ! އިތުރު ބަޔަކު ބޭނުމިއްޔާ ގޮވައިގެން ދޭ!"

"އަހަންނަށް އެކަނި ވެސް މި ކަން ވާނެ." އެހެން ބުނެފައި ބަތޫރު ވިދުވަރެއްހެން ގެއްލުނެވެ.

"އޭނަ މައިތިރިކުރޭ އަތީލާ! ހެޔޮނުވާނެ." ބަރުގާން އެދުނެވެ.

"ބަރުގާން މައިތިރިވެބަލަ!" އަތީލާ ބުންޏެވެ. "ތީ އަންޖަލްގެ ކާކު؟ އެއްވެސް މީހެއް ނޫން. ތީ އިންސާނެއް ވެސް ނޫން. ބަރުގާން ދެކެ އަންޖަލް ލޯބިވޭތަ؟ ނުވޭ! އަސްލު ބަރުގާން ވެސް އަންޖަލް ދެކެ ރުޅިއޭ އަންނަންވީ. ބަރުގާން ކުރަންވީ ކަންތައް އަހަރެން މި ކުރަނީ. އޭނަ ގެނެސް މި ތަނުން ބިންގަރާހެއް ތެރެއަށް ވައްޓާލާފަ ބޭއްވީމަ ނިމުނީ."

"އަހަރެން ދިރިހުއްޓަކާ ތި ކަމެއް ނުވާނެ." ބަރުގާން އެހެން ބުނެފައި، ބަތޫރު ގެއްލުނު ފަދައިން ގެއްލުނެވެ.
ޖިންނީންނަކީ އިންސާނުންނާ ތަފާތު ގޮތަކަށް ވަގުތު ހިނގާ ބައެކެވެ. އެއް ސިކުންތުގައި ރާއްޖޭގައި ހުރެފައި އަނެއް ސިކުންތުގައި ރަޝިޔާގައި ހުރުމަކީ، އަލިފާނުން ހައްދަވާފައިވާ އެ ކިޔާނަށް އެއްވެސް ކަމެއް ނޫނެވެ. ތަނަކަށް ވަންނަން ދޮރެއް، އިންސާނެއްގެ ހަށިގަނޑު ތެރެއަށް ވަންނަން ހުއްދައެއް ބޭނުމެއް ނުވާނެއެވެ. އެހެނަސް، އިންސާނާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުރެއްޖެ ނަމަ ދަނޑިވަޅަކަށް އިންތިޒާރުކުރަން ޖިންނީންނަށް މަޖުބޫރުވާނެއެވެ.

ބަރުގާން އާއި ބަތޫރު ބައްދަލުވީ، މާލޭގެ އެންމެ ކާރުބާރު ބޮޑު މަގު ކަމުގައިވާ މަޖީދީ މަގުންނެވެ. ރޭގަނޑު ނުވައެއް ޖަހަނިކޮށެވެ. ދެކޮޅަށް ދުއްވާ މަޖީދީ މަގުގައި އިލޮށްޓެއް ޖައްސައިލާނެ ތަންކޮޅެއް ވެސް ނެތެވެ. ކޮންމެ މީހަކު ވެސް އުޅެނީ އެ މީހަކު ދާން ބޭނުންވާ ތަނަކަށް ނުދެވިގެން، ލައިނުގަނެގެންނެވެ. ބަރުގާން ފަހަތުން އައިސް ބަތޫރުގެ މެދުހަށީގައި ބެއްދުމާ އެކު، ދެ ކިޔާން އެކުގައި މަގުމައްޗަށް ވެއްޓުނެވެ. ބައެއް މީހުންނަށް ވިދުވަރެއް ފެނުނުހެން ހީވިއެވެ. އޮލިންޕަސް ކައިރީގައި ހުރި މޮޔައަކަށް ހުރިހައި މަންޒަރެއް ސާފުކޮށް ފެނުނެވެ. އެ ފަދަ މީހުންނަކީ، އެހެން މީހުންނަށް ނީވޭ އެއްޗެހި އިވޭ، ނުފެންނަ އެއްޗެހި ފެންނަ ބައެކެވެ. އޭނަ އިނގިލި ދިއްކޮށްފައި، ރުޅި އައިސްގެން ހަޅޭއްލަވަން ފެށިއެވެ.

"ބަލާބަލަ މިޔޮއް ކަމެއް،" އޭނަ ބުންޏެވެ. "ކަންތަކާ ޖެހުނީއޭ! އެ އުޅެނީ އަހަންނަށް ފާރަލާންވެގެން. އަހަންނަށް ޖެއްސުން ކުރަން ވެގެން. މި ތަނުން ރައްކާވޭ! ކިހާ ބޮޑު..."

އޭނަގެ ބަހުރުވަ ރީއްޗެއް ނޫނެވެ. އަޑު މަޑެއް ނޫނެވެ. ކޮންމެ މީހަކު ވެސް ބެލީ އޭނަޔާ ވީހައި ވެސް ދުރުން ހިނގޭތޯއެވެ. ބަތޫރު ތެދުވެފައި ބަރުގާން ދުރަށް ހޫރައިލިއެވެ.

"މީ މަ ބުނި ދުވަސް،" ބަތޫރު ރުޅިއައިސްފައި ބުންޏެވެ. "ލަސްތަ އައިލެއް؟ ކާކު ކަލެޔަށް އެހީވާނީ؟ އެކަކު ވެސް ނެތް. ކަލޭ އަސްލު ތިހިރީ މޮޔަވެފަ. އެހެން ވެގެން އަހަރެން ހުއްޓުވަން ތި އައީ. ނިކަން ހުއްޓުވާބަލަ! ތި ލޯބީގަ ކިހާ ބާރެއް ހުރި ކަން އަހަންނަށް ދައްކާލަބަލަ!"

ބަތޫރު ހޫރައިލި އަތުން ޖެހިފައި އަނެއްކާ ވެސް ބަރުގާން ވިއްސައިގެން ދިޔައެވެ. އެ ފަހަރު ބަރުގާން ޖެހުނީ އެ ތަނުގައި ހުރި ކަރަންޓު ފޮށްޓެއްގައެވެ. ކަރަންޓަކީ ހަކަތައެކެވެ. ޖިންނީންގެ އުފެދުމަކީ ވެސް ހަކަތައެކެވެ. ނަތީޖާއަކަށްވީ ކަރަންޓު ފޮށީގައި ހުރި ނަރުތައް ސޯޓުވެ، ބަޑިޖަހައި، ވިރުމެވެ. އަލިގަދަ ކަނިތަކެއް ބުރައިގެންދިޔުމާ އެކު ހިސާބުގަނޑުން ކަރަންޓު ގޮސް އަނދިރިވިއެވެ. އަނދިރީގެ ތެރޭގައި ކާރުތަކާއި ސައިކަލުތަކުގެ އަލި ފެންނަނީ ނިކަން ގަދަކޮށެވެ. އެ ހާދިސާ ހިނގީ ކިހިނެއް ވެގެންކަން އެނގޭ އެކަކު ވެސް އެ ތާކު ނެތެވެ.

"ބަލާބަލަ ތި ކުރި ކަންތައް،" ބަތޫރު ބުންޏެވެ. "ކަލެޔާ ހެދި މީހުންނަށް ކިހާ ބޮޑު އުނދަގުލެއް އެ ޖެހުނީ. މަޑުމަޑުން ހުރި ނަމަ މިހެން ވާކަށް ނުޖެހުނީހޭ!"

ބަރުގާން ތެދުވިއެވެ. ނިކަން އަވަސް ދެތިން ހަރަކާތަކާ އެކު، އެއް ސިކުންތު ތެރޭގައި ހަތަރު ދިމާއަކަށް ޖެހިލިއެވެ. ބަތޫރަށް ބަރުގާން، ހިނދުކޮޅަކަށް ގެއްލުނެވެ. ދެން ފެނުނީ ނަމުރެއް ހެން ފުންމައިގެން ބަރުގާން އައި ތަނެވެ. ވަރަށް ހުސިޔާރުކަމާ އެކު ބަތޫރު މަތަކުރިއެވެ. އޭރު ބޮޑު ދެ ފިޔަގަނޑު ހުޅުވައިލައިގެން ބަރުގާން ހުރީ ބަތޫރުގެ މޭގައި ފައިގެ ވަކިތައް އަޅުވައި، ރަނގަޅަށް ހަރުލައިގެންނެވެ. ކުއްލިއަކަށް ދެ ފިޔަގަނޑު ވަރަށް ބާރަށް ޖެހިއެވެ. އެއީ ބަރުގާންގެ ހާއްސަ އުކުޅެކެވެ. އިވުނު ގަދަފަދަ އަޑުން ކަންފަތް ބައްވުމާ އެކު ބަތޫރު އަރިއަޅައިލައިގެން ވެއްޓުނެވެ. މަގުމަތީގައި ދުއްވާ އުޅަނދުތައް، ދެ ކިޔާނުގެ ގައި ތެރެއިން، އެއްވެސް ދައްޗެއް އެނގުމެއް ނެތި ދަތުރުކުރިއެވެ. ފައިމަގުގައި އުޅުނު ބައެއް މީހުންނަށް ހޫނުގެ އިހުސާސް، ކުއްލިކުއްލިއަކަށް ކުރެވުނެވެ. ކޮންމެ މީހަކު ވެސް ހީކުރީ އެއީ އެ މީހަކަށް ހީވާ ގޮތެއްކަމަށެވެ.

"ކަލޭ ބޮޑު، ވަރުގަދަ. އަހަރެން ކުޑަ، ހަލުވި،" ދޫނުކޮށް ހިފާއްޓައިގެން އޮތް ބަރުގާން ބުންޏެވެ. "އަހަންނަށް ކަލޭ ބީރު ކޮށްލެވިދާނެ. ކަނު ވެސް ކޮށްލެވިދާނެ. އެންމެ ރަނގަޅު ގޮތަކީ ވާހަކަ ދައްކައިގެން..."

ބަތޫރު ހަދައިލި ގޮތަކުން ބަރުގާން ގޮސް ވެއްޓުނީ ރަސްފަންނަށެވެ. ވެއްޓުނު އިރު ބަތޫރު އެ ތަނުގައި ހުއްޓެވެ. އޭރު ވެސް ބަތޫރުގެ އިވުމުގެ ހިއްސު ރަނގަޅެއް ނުވެއެވެ. ބޮލުގައި ތަޅައި، ބޯހަލުވައި ހެދުމުން ވެސް ވީ ކަމެއް ނެތެވެ. ބަރުގާންގެ ކަންތައް އެއްފަހަރުން ނިންމައިލުމަށް ޓަކައި، ބަރުގާންގެ ދެ ފިޔަގަނޑުގައި ބަތޫރު ހިފިއެވެ. ފިޔަގަނޑުގައި ހިފުމުން ދޮންދޫންޏެއްގެ ފައިތައް ތަޅުވާހެން ބަތޫރު ހަތަރެސްފައި ތަޅުވައި، ސަލާމަތްވާން މަސައްކަތްކުރިއެވެ.

"ކަލޭ ތި އުޅެނީ މާ ބޮޑަށް ފިޔަގަނޑު ދިގުވެގެން،" ބަތޫރު މަޑުމަޑުން ބުނެލިއެވެ. "ހިނގާ އުފުރާލަމާ!"
"ދޫކޮށްލާ!" އަތީލާ ބުނި އަޑުއިވުނެވެ.

ބަތޫރު ދިޔައީ ސިއްސައިގެންނެވެ. އަތީލާގެ އަމުރަށް ކިޔަމަން ވާން ބުނި ބަތޫރު ދެން ވެސް ފިޔަގަނޑުން ދުލެއް ނުކުރިއެވެ.

"އެކަމަކު އަހަންނަށް ކުރި އަމުރެއް އަހަރެން ތަންފީޒު ކުރަން ޖެހޭ!" ހިތްހަމަނުޖެހިފައި ބަތޫރު ބުންޏެވެ.
އަތީލާ މުށް ހުޅުވައިލިއެވެ. މުށުތެރޭގައި ތިން އަލިކޮޅު ދުވެދުވެފައި އުޅެއެވެ. އޭގެ ކުލަތަކަކީ ނޫކުލަ އާއި ފެހި ކުލަ އާއި ރަތްކުލައެވެ. ނޫކުލައަކީ ރައްކާތެރިކަމެވެ. ފެއްސަކީ އިމުތިހާނެކެވެ. ރަތަކީ ހަމަލައެވެ.

"ތަރާއަށް އެނގޭނެ މީ ކިހާ ބާރުގަދަ އެއްޗެއްކަން،" އިހުތިރާމާ އެކުގައި އަތީލާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ބާރުގެ ބޭނުންކުރާކަށް. ދޫކޮށްލާ!"

އެ ވަރުން ވެސް ބަރުގާންގެ ގައިން ބަތޫރު ދޫކޮށްލީކީ ނޫނެވެ. ދުރަށް، ކަނޑާ ދިމާއަށް ބަރުގާން ހޫރައިލީއެވެ. އެ ތަނުގައި ތިބި މީހުންނަށް ގިނިހިލައެއް ފެނިގެން އުޅުނެވެ. ގިނިހިލައަކީ ތިރިން މައްޗަށްދާ އެއްޗެއް ނޫން ކަން އެނގޭ މީހަކު ނެތެވެ. އެ ކުރިމަތިލުމުގައި، ބަރުގާން އާއި ބަތޫރަށް ވެސް އެކި ވަރުގެ އަނިޔާވިއެވެ.

އަނިލް ފޯނު ޖީބަށްލިއެވެ. ގާތުގައި އިނީ އަނިލް އެންމެ ފަހުން ކައިވެނިކުރި ނޫމާއެވެ.

"ކުރިން އަންޖޫގެ ކާފަ،" ފޫހިކަން ދޭހަވާ ކަހަލަ ރާގެއްގައި ނޫމާ ބުންޏެވެ. "މި ފަހަރު ކާކު؟ މާމަ؟"

"އާނ! އަންޖޫ މީހަކާ އިންނަން އުޅެންޏާ އަހަންނަށް ވެސް ގުޅާނެތާ!" ނަގޫ ފިތިފައިވާ އަޑަކުން އަނިލް ބުންޏެވެ. "އަހަރުމެންގެ އިންޑިޔާ ދަތުރު ކެންސަލެއް ނުކުރާނަމޭ! އޯކޭއެއްނު! އެ ރާއިފުއަކާ ބައްދަލުކުރަން ދާ އިރު ނޫމާ ވެސް ދާން ވާނެ އިނގޭ! ތީ ވަރަށް މޮޅަށް މީހުން ދަސްކުރާ މީހެއްނު!"

"ނުވިއެއްނު ދަހެއް،" ކުރިޔަށް ވުރެ ފޫހިވެފައި ނޫމާ ބުންޏެވެ. "އަހަރެން ހީކުރީ ތީ ވަރަށް މުއްސަނދި މީހެކޭ. އަހަންނަށް ދުނިޔެ ވަށާ ބުރުޖަހާލެވޭނޭ! ހަރާމުންހަރާން! އަހަންނެއް ނޫޅެން އެ ގެއަށް ވަންނާކަށް. އެއީ ޖިންނިމޮޔަވާ މީހުން އުޅޭ ގެއެއް. އަނިލް ވެސް ދާނެ ކަމެއް ނެތް."

"ނޫނޭ!" އަނިލް ބުނެލިއެވެ. "ވަދެލާނަން."

ބަރުގާންއަށް ފަރުވާކުރީ އަތީލާގެ ރަށުގައި، އަތީލާގެ ގަނޑުވަރުގައެވެ. އެ ދެމެދުގައި އޮންނަނީ ކޮއްކޮއަކާއި ބޭބެއަކާ ދެމެދު އޮންނަ ކަހަލަ ގުޅުމެކެވެ. ބަރުގާން އިނީ، މަހުމާ ކަހަލަ އެއްޗެއް ޖަހާފައި ހުރި، ތިރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. ގާތުގައި އަތީލާ ކޮޅަށް ހުއްޓެވެ. ބަރުގާންގެ ފިޔަގަނޑުގެ ދެ ދިމާއަކާއި ގައިގެ ތިން ތަނެއްގައި ބޭސްއެޅުމަށް ފަހު ބޭސްވެރިޔާ ނުކުތެވެ. ބުއިމަށް ޓަކައި ކަޅުކުލައިގެ ޖޫހެއް ވެސް ދީފައި ހުއްޓެވެ.

"ރުޅި އައިއްސަ ހުރި ވަރުން ކުރެވުނު ކަމެއް އެއީ،" މަޑުމޮޅި ރާގެއްގައި އަތީލާ ބުންޏެވެ. "އަދި ވެސް ދެރަވެފަ މިހިރީ!"

"މާފުކުރުމަކީ ރަނގަޅު ކަމެއް،" ޖޫސްތަށި ނަގަމުން ބަރުގާން ބުންޏެވެ. "ނޭނގި ކުރެވޭ ކަންކަމަށް.."

"މާފުކުރީއޭ؟" އަތީލާ ހައިރާން ވެފައި ބުންޏެވެ. "މާފެއް ނުކުރަން. ބައްޕައަކަށް ބައްޕައެއް މަރުވާން ޖެހޭނެ."(ނުނިމޭ)