25 އޮކްޓޯބަރ 2025 - 20:40

އައްޑޫގެ ތިން ރަށް ކަމަށްވާ ފޭދު އާއި ހުޅުދު އާއި މީދޫގައި ވަކި ކައުންސިލް އުފައްދަން ފެނޭތޯ ބަލަން މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ތިން ރަށާއި މާލެ އިން ވޯޓުލާން ނުކުތީ ހައްގު ލިބިގެންވާ މީހުންގެ 47 ޕަސެންޓް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ތިން ރަށުން ޖުމްލަ 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަން އީސީން އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު މީގެ ތެރެއިން 50 ޕަސެންޓް މީހުން ވެސް ވޯޓުލާކަށް ނުނުކުމެ އެވެ.
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. ހުޅުދޫން 2،874 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ.
މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފޭދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 616
ނުފެންނަ: 1،784
ހުޅުދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 723
ނުފެންނަ: 329
މީދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 847
ނުފެންނަ: 144
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވާލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.
އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.
މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ.
ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.