އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ކައުންސިލެއްގެ ބެލުމުގެ ދަށުން ރަށްތައް ހިންގަން ވަރަށް ކުރީއްސުރެ ހުޅުދު އާއި މީދޫން އައީ ވަކާލާތު ކުރަމުންނެވެ. އެ ރަށްތައް ބާކީވެ، ކަމެއް ނުކުރެވި ސިޓީ ކައުންސިލަށް އަބަދު އާދޭސްކުރަން ޖެހުން ނިމުމަކަށް ގެނެސްދޭން އެކި ސަރުކާރުތަކަށް ވެސް ހުށަހެޅި އެވެ. އެންމެ ފަހުން، ވަކި ކައުންސިލަތަކެއް ހަދައިދޭން ހުށަހެޅީ 2023 ގެ ރިޔާސީ ކެމްޕެއިނަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށްތަކަށް ވަޑައިގަތުމުންނެވެ.

އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟

ރައްޔިތުންގެ އެ ހުށަހެޅުމާ އެއްގޮތަށް މި ސަރުކާރުން އައްޑޫގައި މިއަދު ވަނީ ވަކިވަކި ކައުންސިލް އުފެއްދުމާ މެދު ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިފަ އެވެ. އެ ވޯޓުގައި ފޭދޫން ނިންމީ ސިޓީ ކައުންސިލްގައި ދެމިތިބުމަށެވެ. އެކަމަކު، ހުޅުދު އާއި މީދޫގެ ނަތީޖާ އައީ އެ މީހުން އެދެމުން އައި ގޮތަށެވެ. ސިޓީ ކައުންސިލުން ވަކިވެ އަމިއްލަ ރަށު ކައުންސިލެއް އުފައްދަން ގާނޫނީ ގޮތުން ބަސް ބުނެފި އެވެ.

އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟

އެކަމަކު، ރަށުގެ ކުރިއެރުމާ މެދު ނިންމި ނިންމުމުގައި ބައިވެރިވީ މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުގައި ތިން ރަށުން ވޯޓުލާން ނުކުތީ ހައްގު ލިބިގެންވާ މީހުންގެ 47 ޕަސެންޓެވެ.

އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟

އެ ހިސާބުން އުފައްދާ ސުވާލަކީ ރައްޔިތުން އެދިގެން ނެގި މިފަދަ މުހިއްމު ވޯޓެއްގައި ވޯޓުލާން ގިނަ ބަޔަކު ނުނުކުތީ ކީއްވެ ހެއްޔެވެ؟

އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟

ސަރުކާރުން ބުނެފައިވާ ގޮތުގައި އައްޑޫގައި މި ވޯޓު ނަގަން ޖެހުނު ސަބަބުތަކެއް ހުއްޓެވެ. އެއް ކަމަކީ، ހުޅުދު އާއި މީދޫ ވަކިން އޮތުމުގެ ސަބަބުން ހަގީގީ ތަރައްގީ ނުގެނެވޭ ކަމަށް ހުށަހެޅި ކަންބޮޑުވުންތަކެވެ.

"މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫ މީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނެގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫ މީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެން ޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،" މި ވޯޓު ނަގަން ޖެހުނު ސަބަބާ މެދު ރައީސ މުއިއްޒު ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ތިން ރަށުން ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބެ އެވެ. އެކަމަކު އޭގެ ތެރެއިން 50 ޕަސެންޓު މީހުން ވެސް ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ވޯޓުގައި ބައިވެރިވީ އެންމެ 4،427 މީހެކެވެ.

ފޭދޫން އެކަނި ވެސް 4،355 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެ އެވެ. އަދި ހުޅުދޫން 2،874 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީދޫން ވޯޓުލުމުގެ ހައްގު ލިބެނީ 2،347 މީހަކަށެެވެ.

- ފޭދޫ - 2،436 މީހުން

- ހުޅުދޫ - 1،069 މީހުން

- މީދޫ - 1،008 މީހުން

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އެ ރަށްތައް ހިންގާތާ 15 އަހަރު ފަހުން އެ ރަށްރަށުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބަލަން ވޯޓެއް ނެގިއިރު މި ވޯޓުގައި މިހާ މަދު ބަޔަކު ބައިވެރިވި ސަބަބުތައް އެބަހުއްޓެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދު އާއި މީދޫ ވަކިކޮށް އޮންނާތީ އެ ރަށްރަށުގެ މީހުން ވަކި ކައުންސިލެއް ބޭނުންވެގެން އެކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު އޭގެ ތެރެއަށް ފޭދޫ ލާން ޖެހުނު ސަބަބެއް ނެތް ކަމަށް މީހުން ދެކެ އެވެ. އައްޑޫ ހިތަދޫއާ ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދުރުގައި އޮތް ފޭދޫ، ސިޓީ ކައުންސިލުގެ ދަށުން ވަކިކުރަން އުޅުނީ "ވަކި ބަޔަކު" ބޭނުންވެގެން ކަމަށް އެ ރަށުގައި ސިޓީއަށް ތާއީދުކުރާ މީހުން ދިޔައީ އަބަދުވެސް ގަބޫލު ކުރަމުންނެވެ.

ފޭދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ގިނަ ބަޔަކު ވޯޓުލާން ނުދިޔަ ސަބަބަކީ މި ވޯޓާ ގުޅިގެން ހޭލުންތެރިކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށެވެ. ވޯޓަށް އިއުލާނުކޮށް، އެންމެ މަދުވެގެން މަސް ދުވަސް ވެސް ރައްޔިތުން ދީފައި ނުވާ ކަމަށް ބުނެ އޭނާ ނުރުހުން ފާޅުކުރި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ ސިޓީއަކަށް ތާއީދުކުރާ ބައެއް މީހުން ވޯޓުލާން މި ނާންނަނީ އެ މީހުންނަށް ހީވަނީއޭ ވަކި ކައުންސިލު އުފައްދަން ވޯޓުލާ މީހުން މަދުވީމަ، އެކަން ނުވާނެއޭ. އެހެންވީމާ އަސްލު ކުޑަ ވަގުތުކޮޅެއް ދީފައި މި ވޯޓު ނަގަނީ މީހުން ހޭލުންތެރި ވެސް ނުކޮށް،" އޭނާ ބުންޏެވެެ.

ވޯޓުގެ ނަތީޖާ ވަކިކޮޅަކަށް ބަދަލުކުރުމުގޮތުން ފައިސާ ބެހިކަމުގެ ތުހުމަތު ވެސް ބައެެއް މީހުން ކުރި އެވެ. އަދި ވޯޓުލާން ބައެއް މީހުން ނުދިޔަ ސަބަބަކީ ފައިސާ ލިބުމުން ވޯޓުލާން ދާން ބޭނުންނުވުން ކަމަށް ތުހުމަތުކުރި އެވެ.

ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދު ކުރައްވާ އަދި އެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ވޯޓުލާން ނުކުތް މީހުން އެހާ ބޮޑަށް މަދުވާ ސަބަބަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި އޮވެގެން ރަށުގެ ރައްޔިތުންނަށް ލިބުނު ހިދުމަތްތަކާ މެދު އާންމުން މާޔޫސްވެފައި ތިބުން ކަމަށެވެ.

"ބައެއް މީހުން އެބަ ބުނޭ ތިމަންނަ މެންނަށް ވަރިހަމައޭ ސިޓީއެއް އޮތަސް ވަކި ކައުންސިލެއް އޮތަސް. ވާ ގޮތަކީ ސިޓީއެއްގެ ގޮތުގައި އޮވެގެން ލިބުނު ހިދުމަތްތަކާ މެދު ރައްޔިތުން މި ތިބީ ވަރަށް މާޔޫސްވެފައި،" އޭނާ ވިދާޅުވި އެވެ.

އަނެއް ކަމެއްގެ ގޮތުގައި އައިބީ ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލު އިންތިހާބުތަކާ ހިލާފަށް މިއީ ވަކި ރަށެއްގެ މެދުގައި ނެގޭ ވޯޓަކަށްވާތީ މީހުން މަދުވާ މަދުވުމެވެ. އެހެން އިންތިހާބުތަކުގައި އެހާ މީހުން ގިނަވަނީ ޕާޓީ އާއި އެމީހުންގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނަށް ވޯޓު ދިނުމަށް ދާތީ ކަމަށް އައިބީ ވިދާޅުވި އެވެ.

ފޭދޫން ވަކި ކައުންސިލެއް ހަދަން ބޭނުންވާ ބައެއް މީހުން ބުނާ ގޮތުގައި އެ ރަށަށް ތަރައްގީ ފެށެން އޮތީ ވަކި ކައުންސިލެއް އޮވެގެންނެވެ. ރަށު ކައުންސިލާ އެކު ލިބޭ ބްލޮކް ގްރާންޓާއި އަދިވެސް ރަށަށް އާމްދަނީ ހޯދޭނެ އިތުރު ދޮރުތައް ހުޅުވާ ފޭދޫ އެހެން ހަރުފަތަކަށް ގެންދެވެން އޮތީ ރަށު ކައުންސިލާ އެކު ކަމަށް އެކަމަށް ތާއީދުކުރާ މީހުން ގަބޫލުކުރެ އެވެ.

މައި ސިޓީން ފޭދޫ ވަކިވާން ބޭނުންވާ ކަމަށް ބުނާ ސަބަބަކީ ހިތަދޫން ފޭދު އަށް ކަންކަން ނުކޮށްދޭ ކަމަށް ބުނާ ބުނުމެވެ. އެހެންވެ، އެކަމާ މެދު އެ މީހުން ވެސް ގޮތެއް ނިންމަން ބޭނުންވީ އެވެެ. ނަމަވެސް ސިޓީ ކައުންސިލުން ފޭދޫ ވަކިވި ނަމަ ދެން ވާނެ ގޮތް ސާފު ނުވާ ވަރަށް ގިނަ ބަޔަކު ވެސް ތިއްބެވެ. ހާއްސަކޮށް ތަރައްގީގެ ކަންކަމާއި ޕްރޮޖެކްޓުތަކާއި ހިދުމަތްތައް ޑުބްލިކޭޓްވެ، ބޮއްސުންލައިގެން ހިނގައިދާނެތީ އެ ބިރުވެރިކަމުގައި ސުވާލު އުފައްދާ މީހުން ވޯޓު ލުމުގެ އެންމެ ފަހު ސިކުންތުގައި ވެސް ތިއްބެވެ.

"ފޭދު އަށް ވަކި ހޮސްޕިޓަލެއް އަޅާނީތޯ ވަކި ފުލުހުންގެ މަރުކަޒެއް ނޫނީ ވަކި އިންޖީނުގެއެއްތޯ އަޅާނީ. މި ކަންކަމަށް ވާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ފޭދޫ ސިޓީ ކައުންސިލުން ވަކިކޮށްފި ނަމަ އެ ހިދުމަތްތަކަށް ވާނެ ގޮތެއް ވެސް ކެމްޕެއިން ކުރި ބަޔަކަށް ކިޔައެއް ނުދެވޭ،" މިއަދު ވޯޓު ލާން ދިޔަ މީހަކު ބުންޏެވެ.

އެކަމަކު، މަދު ބަޔަކު ނުކުމެ ނަމަވެސް މި ވޯޓުގައި އެ ރަށަކުން ބޭނުންވާ ގޮތް ހާމަކޮށްފި އެވެ. މިއާއެކު ވެސް އުފައްދާ ސުވާލަކީ، މިހާ މަދު މީހުންގެ ނިންމުމާ އެއްގޮތަށް ސަރުކާރުން ހަމަ ކުރިއަށް ދާންވީ ހެއްޔެވެ؟ ރައްޔިތުން އެދިގެން ނެގި ވޯޓެއް ނަމަ ވޯޓުލެވޭ އާބާދީގެ ބޮޑު ޕަސެންޓެއް ނުކުމެ ރައްޔިތުންގެ ބަސް ނުބުނެ ތިބީ ކީއްވެ ހެއްޔެވެ؟

ވޯޓު ލިބުމުގެ ހައްގުގެ ބޭނުން ނުހިފައި ތިބެ، އެ ހައްގުގެ ބޭނުން ހިފި މީހުންގެ ނިންމުމާ މެދު ސުވާލު އުފެއްދިޔަސް ވޯޓުލާން ނުކުތް މީހުންގެ ބަސް ގާނޫނީ ގޮތުން ވަރުގަދަ އެވެ. ކުރިއްސުރެ ސަރުކާރުތަކަށް ހުށަހަޅަމުން އައި ގޮތަށް ރަށާ މެދު ބޭނުންވާ ގޮތް އެ މީހުން ނިންމީ އެވެ. ސަރުކާރަށް ދެން ޖެހޭނީ އެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާށެވެ.