ސިނގިރެޓް ވައްކަން: ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ސިނގިރެޓް ވައްކަން: ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މަޝްހޫރު ދެ ވިޔަފާރިވެރިންގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިނގިރެޓް ވައްކަން: ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ސިނގިރެޓް ވައްކަން: ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި

އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެކޮންޓެއިނާ ސިނގިރޭޓުގެ "ވައްކަމަށް" ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 65 އަހަރުގެ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު ބަންދަން ދިން ފުރަތަމަ 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.

މި މައްސަލާގައި އިތުރު ތިން މީހަކު ވެސް އިއްޔެ ހައްޔަރުކޮށް، ބަންދު ކުރަން ކޯޓުން މިއަދު އަމުރުކުރި އެވެ. އެއީ

1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)

2- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު)

3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)

މީގެ ތެރެއިން ޝަމީމާއި ސާމިހް ތަހުގީގުގެ ބޭނުމަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ޖުމުލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފަ އެވެ.

މި މައްސަލާގައި ދިގަލީގެ އިތުރުން ދެން ހިމެނޭ ވިޔަފާރިވެރިޔަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. ސިނގިރޭޓް ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އާއްޓޭ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

މި މައްސަލާގައި މިހާރު ފުލުހުންގެ ބަންދުގައި ތިބީ:

1- އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ ޝަރީއަތް ނިމެންދެން ބަންދު

2- ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށް.

3- ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށް. އޭނާއަކީ ކަސްޓަމްސްގެ އިސް މުވައްޒަފެއް އަދި މަސައްކަތް ކުރަމުން އައީ ހުޅުމާލެ ޕޯޓުގައި.

4- މުއާޒް އަލީ ބަންދުކުރީ 15 ދުވަހަށް. އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއް.

5- ހަސަން އަބްދުއްރަހްމާން، ކ. ތުލުސްދޫ، ލިންކް. އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހުމާން ބަންދުކުރީ ޝަރީއަތް ނިމެންދެން ބަންދު.

6- އާދަމް ވަހީދު، ނ. މިލަދޫ، ކެނެރީގެ- އުމުރުން 54 އަހަރުގެ އާދަމް ވަހީދު ބަންދުކުރީ ހަތް ދުވަހަށް. އޭނާއަކީ ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން.

7- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު) އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި.

8- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު) އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި.

9- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު) އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި.

މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ސިނގިރޭޓް ކޮންޓެއިނާތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ. އެ ކޮންޓެއިނާތައް ވަގަށް ނެގިކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.