ގްރީންގެ ކޮޅަށް ނުވަ ލަނޑުޖަހައި މާޒިޔާ އަލުން އެއްވަނައަށް ފައިދާ 22 ގޯލް
ގްރީންގެ ކޮޅަށް ނުވަ ލަނޑުޖަހައި މާޒިޔާ އަލުން އެއްވަނައަށް ފައިދާ 22 ގޯލް

ގްރީން ސްޓްރީޓްސްގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ 15 ޕޮއިންޓާއި ފައިދާ 22 ގޯލުން މާޒިޔާ އަލުން އެއްވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއަކީ މިފަހަރު ސީޒަނުގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ލީގުގެ ހަތަރުވަނަ ހަފުތާގެ ކުޅުން، މިދިޔަ އަންގާރަ ދުވަހު ނިމުނު އިރު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ.

މިއަދުގެ މެޗާ ކުރިމަތިލިއިރު މާޒިޔާ އާއި ނިއު އަށް ވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށެވެ. ދެ ޓީމަށް ވެސް 12 ޕޮއިންޓެވެ. އޭރު ނިއު އެއްވަނައިގައި އޮތީ ފައިދާ ގޯލްގައި މާޒިޔާގެ މައްޗަށް އެއް ލަނޑުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ސްޕެއިންގެ ފޯވާޑް ސާޖިއޯ އިގްލޭސިއަސް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން، ދެ ލަނޑު ޖެހި އެވެ.

އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް އައިސަމް (ޓޯނީ) އަދި ލުއިސް އަލްމޭޑާ އެވެ.

ގްރީން އަށް މާޒިޔާ ހިފަހައްޓާ ލެވުނީ ފުރަތަމަ 20 މިނެޓެއްހާއިރު އެވެ. މެޗުގެ 20 ވަނަ މިނެޓްގައި އިގްލޭސިއަސް ލަނޑު ޖަހައި ގްރީންގެ ގޯލް ހުޅުވި އެވެ.

ފުރަތަމަ ހާފު ވެސް މާޒިޔާއިން ނިންމާލީ ފަސް ލަނޑުގެ ބޮޑު ލީޑަކާ އެކު އެވެ.