25 އޮކްޓޯބަރ 2025 - 18:16

އައްޑޫގެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާ އެކު ދެމިއޮންނަން ފޭދޫން ވޯޓު ދިން ނަމަވެސް މީދު އާއި ހުޅުދުއަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށް އެ ދެ ރަށުން ނިންމައިފި އެވެ.
މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.
ފޭދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 616
ނުފެންނަ: 1،784
ހުޅުދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 723
ނުފެންނަ: 329
މީދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 847
ނުފެންނަ: 144
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. ހުޅުދޫން 2،874 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ.
މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ އެވެެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ރިފަރެންޑަމްގެ ވޯޓު ގުނައި ނިމުމާ އެކު، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާންކުރި އެވެ.
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވާލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.
އެ ވޯޓުގެ ނަތީޖާ އިން ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް އެ ދުވަހު ވޯޓު ދިނީ މިއަދު ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.
އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.
މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ.
ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.