25 އޮކްޓޯބަރ 2025 - 18:00

ހަނގުރާމައަށް ފަހު، މިނިވަން ތަޖުރިބާކާރުންގެ ކޮމިޓީއަކުން ޣައްޒާ ބެލެހެއްޓުމަށް ހަމާސް އާއި ފަލަސްތީނުގެ ސިޔާސީ ބޮޑެތި ޕާޓީތަކުން އިއްޔެ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މިސްރުގެ ގާހިރާގައި ބޭއްވި ބައްދަލުވުމަކަށް ފަހު ހަމާސްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާ ހިންގުން ވަގުތީގޮތުން ފަލަސްތީނުގެ މިނިވަން ކޮމިޓީއަކަށް ބަދަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.
އާންމު ދިރިއުޅުމުގެ ކަންކަމާއި ޒަރޫރީ ހިދުމަތްތައް އެ ކޮމިޓީން ހަމަޖައްސައިދޭނީ އަރަބި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެންމެން އެއްގަލަކަށް އެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ފެކްޝަންތަކުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށާއި ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އަކީ ފަލަސްތީނުގެ ރައްޔިތުން ތަމްސީލްކުރާ ހަމައެކަނި ގާނޫނީ ޝަހުސުގެ ގޮތުގައި އަލުން އިއާދަ ކުރުމަށް ހުރިހާ ޖަމާއަތްތަކާއި ފެކްޝަންތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ހަމާސް އަކީ އެ ޖަމާއަތުގެ ޒަމާންވީ ވާދަވެރި ޕާޓީ ކަމަށްވާ ފަތަހް ޖަމާއަތުން ކޮންޓްރޯލްކުރާ ޕީއެލްއޯގައި ހިއްސާވާ ޖަމާއަތެއް ނޫނެވެ.
މައުލޫމާތު އެނގޭ ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ހަމާސް އާއި ފަތަހްގެ ވަފުދެއް ބުރާސްފަތި ދުވަހު ވަނީ ގާހިރާގައި ބައްދަލުކޮށް، ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ތަންފީޒުކުރަން ފެށުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ދެ ފަރާތުން ވަނީ އިޒްރޭލު ސަރުކާރުގެ ސަބަބުން ފަލަސްތީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުމާ ގުޅޭ ގޮތުން އިތުރު ބައްދަލުވުންތައް ބާއްވަން ނިންމާފައި ކަމަށް ވެސް، އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
ހަމާސް އާއި ފަތަހްގެ މަޝްވަރާތަކުގައި މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ހަސަން ރަޝާދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހަމާސް އާއި ފަތަހް އަކީ ޒަމާންވީ ދެ ހަތުރުންނެވެ. އަދި މި ދެ ޖަމާއަތުގެ މައްސަލަތައް އެންމެ ބޮޑަށް ގޯސްވީ 2006 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބާ އެކުގަ އެވެ. އޭގެ ފަހުން އުފެދުނު ކޯޅުންތަކުގައި ހަމާސް އިން 2007 ވަނަ އަހަރު ޣައްޒާގެ ކޮންޓްރޯލް އަތުލި އެވެ. އެކަމަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުއްވި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން ވަނީ ޣައްޒާގެ ކޮންޓްރޯލް ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ޖަމާއަތުގެ ހަތިޔާރު ބެހެއްޓުމަށް އެއްބަހެއް ނުވެ އެވެ. -- އޭއެފްޕީ