25 އޮކްޓޯބަރ 2025 - 17:35

ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިއަހަރު ވެސް ހޫނު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުނެފި އެވެ.

މި އަހަރުގެ ދުވުމުގައި ރާއްޖެ އާއި ބޭރުގެ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ. ދިރާގު ރޯޑް ރޭހުގެ ދުވުންތައް މި އަހަރު އޮތީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހާފްމެރަތަން ދަންވަރު 2:30ގައި އޮތް އިރު، 10 ކިލޯމީޓަރުގެ ދުވުން އޮތީ ފަތިހު 5:30ގަ އެވެ. އަދި 5 ކިލޯމީޓަރުގެ ދުވުން އޮތީ ހަވީރު 4:30 ގަ އެވެ.

ހަވީރު އޮތް 5 ކިލޯމީޓަރު ދުވުމުގައި، ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދިޔަ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުވުން ވެސް ދިރާގުން ހާއްސަކުރީ އެކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މިއީ މި ދުވުން ދިރާގުން ބޭއްވި 16 ވަނަ އަހަރެވެ.