ވޯޓުލުން ނިމެން ކައިރިވާއިރު، ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ
ވޯޓުލުން ނިމެން ކައިރިވާއިރު، ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ

އައްޑޫ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި މިހާތަނަށް 72 ޕަސެންޓު ވެސް މީހުން ވޯޓުލާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވޯޓުލުން ނިމެން ކައިރިވާއިރު، ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ
ވޯޓުލުން ނިމެން ކައިރިވާއިރު، ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ

އީސީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދުގެ ތިނެއް ޖެހުމާ ހަމައަށް މި ތިން ރަށުން ވޯޓު ލާފައި ވަނީ 3،410 މީހެކެވެ. އަދި 6،116 މީހަކު ވޯޓު ނުލާ ކަމަށާއި އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 64.39 ޕަސެންޓް ކަމަށް އީސީން ބުންޏެވެ.

ވޯޓުލުން ނިމެން ކައިރިވާއިރު، ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ
ވޯޓުލުން ނިމެން ކައިރިވާއިރު، ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ

އެ ތިން ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު ފޭދޫގައި ބަހައްޓާފައި ހުރި ފޮށިތަކަށް މިހާތަނަށް ވޯޓުލާފައި ވަނީ 500 އެއްހާ މީހުން ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް 3:20 ހާއިރަށް ވޯޓުލީ 1،200 އެއްހާ މީހުންނެވެ.

މި ވޯޓުގެ އެންމެ ފޯރިގަދަ ހުޅުދޫ އާއި މީދޫގައި ވެސް މިހާތަނަށް ޓާންއައުޓް އެހާ ރަނގަޅެއް ނޫނެވެ.

ވޯޓުލުން ކުރިއަށް އޮތް މަދުވަގުތުކޮޅެއްގެ ތެރޭގައި ބަންދުވާއިރު އެ ސަރަހައްދުގައި ތިބި ސިޓީއަކަށް ތާއީދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި ވޯޓުލާން މީހުން ނުނިކުންނަނީ އެންމެ ފަހު ވަގުތު ވެސް އިދިކޮޅު ފަރާތްތަކުން ކެމްޕެއިނުކޮށް މީހުން ނުގެނައުމަށް މަސައްކަތް ކުރާތީ އެވެ.

"ސިޓީއަކަށް ވޯޓުލާން ދާނެ ކަމަށް އަޅުގަނޑުމެން ކައިރި ބުނި މީހުން ވެސް 11 ޖެހީއްސުރެ މި ކިޔަނީ އަންނަނީ އަންނަނީ އޭ. ހީވަނީ އެމީހުން އެންމެ ފަހު ވަގުތު ލާރިއަށް ވިކުނީހެން،" ފޭދޫ ސްކޫލުގެ ބޭރުގައި ހުރި މީހަކު ބުންޏެެވެ.

އިތުރު އެހެން މީހަކު ބުނީ ސިޓީއަކަށް ތާއީދުކުރާތީ ވެސް ބައެއް މީހުން ވޯޓުލާން ނާންނަ ކަމަށެވެ. އަދި ވޯޓަށް ހޭލުންތެރިކުރުމަށް ވެސް މާބޮޑު ވަގުތެއް ދީފައި ނުވާ ކަމަށާއި އެހެންވެ، ސިޓީއަކަށް ތާއީދުކުރާ މީހުން ވޯޓުލުމަކީ ކިހާ މުހިއްމު ކަމެއް ކަން ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށް އެ މީހާ ބުންޏެވެެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ ސިޓީއަކަށް ތާއީދުކުރާ ބައެއް މީހުން ވޯޓުލާން މި ނާންނަނީ އެ މީހުންނަށް ހީވަނީއޭ ވަކި ކައުންސިލު އުފައްދަން ވޯޓުލާ މީހުން މަދުވީމަ، އެކަން ނުވާނެއޭ. އެހެންވީމާ އަސްލު ކުޑަ ވަގުތުކޮޅެއް ދީފައި މި ވޯޓު ނަގަނީ މީހުން ހޭލުންތެރި ވެސް ނުކޮށް،"

ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދު ކުރައްވާ އަދި އެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ވޯޓުލާން އަންނަ މީހުން އެހާ ބޮޑަށް މަދުވާ ސަބަބަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި އޮވެގެން ރަށުގެ ރައްޔިތުންނަށް ލިބުނު ހިދުމަތްތަކާ މެދު އާންމުން ހިތްހަމަނުޖެހޭތީ ކަމަށެވެ.

"ބައެއް މީހުން އެބަ ބުނޭ ތިމަންނަ މެންނަށް ވަރިހަމައޭ ސިޓީއެއް އޮތަސް ވަކި ކައުންސިލެއް އޮތަސް. ވާ ގޮތަކީ ސިޓީއެއްގެ ގޮތުގައި އޮވެގެން ލިބުނު ހިދުމަތްތަކާ މެދު ރައްޔިތުން މި ތިބީ ވަރަށް މާޔޫސްވެފައި،" އޭނާ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލު އިންތިހާބުގައި އެހާ ގިނަ ބަޔަކު ނިކުމެ ވޯޓުލަނީ އާއިލާ އާއި ރައްޓެހިންނަށް ދޭ ވޯޓެއްގެ ގޮތުގައި ކަމަށެވެ.

"އެހެންވެ އެހާ ފޯރީގައި އެ އިންތިހާބުތަކުގައި ނިކުންނަނީ. މި އިންތިހާބުގައި މިހާރު މި އަންނަނީއޭ ފަހުން އަންނާނަމޭ ކިޔަނީ. ހަވީރެއްހާއިރު ނިކުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ހަމަ ރަނގަޅު އަދަދެއް."

ވޯޓުލުމަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށްޓާއި މީދޫގައި ތިން ފޮށްޓާއި ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ފޮއްޓެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލްގަ އެވެ.

މާލޭގެ ފޮށިތަކަށް ވެސް މި ވޯޓުގައި ވޯޓުލާން ދާ މީހުންގެ އަދަދު މަދެވެ.

ތިން ރަށުން މި ވޯޓުގައި 9،576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.