އައްޑޫ ރިފަރެންޑަމްގައި މިހާތަނަށް ވޯޓުލި މީހުންގެ އަދަދު މަދު
އައްޑޫ ރިފަރެންޑަމްގައި މިހާތަނަށް ވޯޓުލި މީހުންގެ އަދަދު މަދު

އައްޑޫ މީދޫ އާއި ހުޅުދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު މިއަދު ބާއްވާ އާންމުންގެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އައްޑޫގެ އެ ތިން ރަށުގެ މީހުންގެ މެދުގައި ބާއްވާ އެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖަހާއިރު ފަށަން ތާވަލް ކޮށްފައި އޮތަސް، ވޯޓުލާން މީހުން ނެތުމުން ސަބަބުން މާލެ އާއި އައްޑޫގެ ތިން ރަށުގައި ބަަހައްޓާފައި ހުރި ގިނަ ފޮށިތަކުގައި ވޯޓުލާން ފެށުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ހެނދުނު 10:00 އާ ހަމައަށް ތިން ރަށުން ވޯޓުލާފައި ވަނީ 695 މީހެކެވެ. އެއީ 284 އަންހެނުންނާއި 411 ފިރިހެނުންނެވެ. އެ ކޮމިޝަނުން ގޮތުގައި އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 7.26 ޕަސެންޓް މީހުންނެވެ.

މިހާތަނަށް 8،881 މީހަކު ވޯޓުނުލަ އެވެ. އެއީ 92.74 ޕަސެންޓެވެ.

މި ވޯޓުގައި ތިން ރަށުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 9،576 މީހަކަށެވެ. އެއީ 4،684 އަންހެނުންނާއި 4،892 ފިރިހެނުންނެވެ. އެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4 އާ ހަމައަށް ގެންދާނެ އެވެ.

ވޯޓުލުމަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށްޓާއި މީދޫގައި ތިން ފޮށްޓާއި ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ފޮއްޓެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލްގަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ އެ ރިފަރެންޑަމްގައި ވޯޓު ގުނައި ނިމޭތާ 30 މިނެޓު ފަހުން އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އެ ރަށްތައް ހިންގަމުންދާތާ ގާތްގަނޑަކަށް 15 އަހަރު ފަހުން އެ ރަށްރަށުގައި ވަކި ކައުންސިލުތައް އުފެއްދުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ރަށްރަށުގައި ވަކި ކައުންސިލެއް އޮތުމަށް ބައެއް ރައްޔިތުން ބޭނުންވާތީ އެވެ. ނަމަވެސް އެކަމުގައި ސަރުކާރުން ބޭނުންވާ ވަކި ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.