ބޭންކް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް އެމްއެމްއޭއިން ފަށަނީ
ބޭންކް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް އެމްއެމްއޭއިން ފަށަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ލޯން ސްކީމެއް ތައާރަފުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސްކީމުގެ ދަށުން ދޫކުރާ ލޯނު ދައްކަންޖެހޭ މުއްދަތަކީ 25 އަހަރު ދުވަސް ކަމަށެވެ. ނަމަވެސް، ފެސިލިޓީ ނަގާ މީހާ އެދޭނަމަ އެއަށް ވުރެ ކުރު މުއްދަތެއް ވެސް ދެވިދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް އެ ސްކީމްގެ ދަށުން ފައިނޭންސިން ހަމަޖެއްސުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އެ ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރުކުރެވިދާނެ އެވެ. އެއީ؛

• ޓައިޕް އޭ / ލީސް އެންޑިން ވިތު އޯނަޝިޕް

• ޓައިޕް ބީ / އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން

އެއީ ބޭންކުތަކުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެވެ.

• ސްކީމް ހިންގާ އިދާރާއަކުން ގެދޮރު އިމާރާތް ކުރުމުން އެތަންތަން ގަތުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނެ.

• އެ ލޯނު ދަށުން އަހަރެއްގެ މައްޗަށް ފައިދާގެ ގޮތުގައި ނެގޭނީ އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް އެ ލޯނު ޕްރިންސިޕަލްގެ އަދަދުގެ ފަސް ޕަސެންޓް.

• ލޯނު އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ކުލި ދައްކާ ނިމުމުން، އެތަނުގެ މިލްކުވެރިކަން ލޯނު ނެގި މީހާގެ ނަން މައްޗަށް ބަދަލު ކުރެވޭނެ.

• ލޯނާ ގުޅިގެން ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ.

އެއީ ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެވެ.

• އިމާރާތްކުރާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ފަރާތްތަކެއްގެ އަތުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރެވޭނެ.

• މި މޮޑެލްގެ ދަށުން ލޯނު ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި އަގާއި އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން.

• މި ލޯނު ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް ލޯނުގެ ޕްރިންސިޕަލް އަދަދުގެ ހަ ޕަސެންޓް.

• ގެދޮރު ގަންނަ މީހާ އިކުއިޓީގެ ގޮތުގައި ފަސް ޕަސެންޓް ބަހައްޓަން ޖެހޭނެ.

• ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަން ޖެހޭނެ. ނަމަވެސް އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ.

އެމްއެމްއޭ އިން ބުނީ އެ ސްކީމްގެ ދަށުން ފްލެޓާއި ހައުސިން ޔުނިޓް ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެކަނި ކަމަށެވެ.

އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ފްލެޓާއި ބޯހިޔާވަހިކަން ލިބޭ މީހުންނަށް އެކަނި ކަމަށާއި އަދި އެ މީހަކީ އެ ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީއަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މާލީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމުގެ އިތުރުން އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ހެޔޮ އަގުގައި ލޯނު ހޯދައިދިނުމަކީ އެމްއެމްއޭ އިން އިސްކަންދޭ ކަމެއް ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުންޏެވެ.

"މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ހިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް..." އެ ބަޔާނުގައި ބުންޏެވެ.

އެމްއެމްއޭ އިން 2017 ވަނަ އަހަރު ވެސް ވަނީ ބޭންކުތައް މެދުވެރިކޮށް ހައުސިން މަޝްރޫއުތަކުން ފްލެޓް ގަތުމަށް ލޯނު ދޫކޮށްފަ އެވެ. އޭގެ ތެރޭގައި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހެދި މާލޭ ގްރޭންޑާއި ގާކޮށި ފްލެޓް މަޝްރޫއުގެ ފްލެޓްތައް ހިމެނެ އެވެ.