25 އޮކްޓޯބަރ 2025 - 08:15

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، މިއަދު މި ނެގީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ރިފަރެންޑަމް.

ފޭދު އާއި ހުޅުދު އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން އިދާރީ ގޮތުން ވަކިވެ، އެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ ފެންނަ ނުފެންނަ ވޯޓެއް މިއަދު ނެގީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން، އެ ކަމާ މެދު ގޮތެއް ނިންމައި ދޭން އައްޑޫން އެދުމުން ކަމަށް. އެހެންވެ، އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށްޓަކައި އެ ވައުދު ފުއްދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވީ ކަމަށް ރައީސް ވިދާޅުވެފައިވޭ. އަދި އެ ވޯޓުގައި ކޮންމެ ގޮތަކަށް ފޭދު އާއި ހުޅުދު އާއި މީދޫގެ ރައްޔިތުން ނިންމިސް ސަރުކާރުން އެ ކަން ބަލައިގަނެ ކުރިއަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވޭ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ނުތިބެން މީދު އާއި ހުޅުދޫގެ ރައްޔިތުން މިއަދުގެ ފެންނަ ނުފެންނަ ވޯޓުގައި ނިންމިއިރު މީގެ 15 އަހަރު ކުރިން އޮކްޓޫބަރު 9، 2010 ގައި ނެގި ވޯޓުގައި ހުޅުދޫ ރައްޔިތުން ބޭނުންވީ އައްޑޫ ސިޓީ ކައުންސިލް އުފައްދަން. އެކަމަކު އޭރު ވެސް މީދޫގެ ރައްޔިތުން ސިޓީ ކައުންސިލާ ދެކޮޅު. ފޭދޫ ރައްޔިތުން 15 އަހަރު ކުރިން ވޯޓު ދިނީ ސިޓީ ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް. ނަމަވެސް އޭގެ 15 އަހަރު ފަހުން މިއަދު ނެގި ފެންނަ ނުފެންނަ ތާރީހީ ވޯޓުގައި ފޭދޫގެ ރައްޔިތުން ވޯޓު ދިނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން ބޭނުންވާ ކަމަށް. އެހެންވެ، މިއީ ސިޔާސީ ގޮތުން ބަލާއިރު މި ތިން ރަށުގެ ރައްޔިތުން ނިންމި ތާރީހީ އަދި މުހިންމު ނިންމުމެއް.

ފޭދޫގައި ދިރިއުޅޭ މީހުންނަށް އެ ރަށުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ނަތީޖާ ގުނައި ވަނީ ނިމިފައި. ހުރިހާ ފޮއްޓަކަށް ވޯޓުލީ މީހުން ވެސް ބޭނުންވީ ފޭދޫގައި ވަކި ކައުންސިލެއް ނުއުފައްދައި މިހާރެކޭ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އިދާރީ ގޮތުން ތިބެން ފޭދޫ ރައްޔިތުން ބޭނުންވާ ކަމަށް މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން ދެއްކި ނަމަވެސް ހުޅުދު އާއި މީދޫ މީހުން ބޭނުންވަނީ އެ ދެ ރަށުގައި ވެސް ވަކި ކައުންސިލެއް އުފައްދަން.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 351 މީހަކު ވަނީ ވޯޓު ދީފައި. ވަކި ކައުންސިލެއް ހުޅުދޫގައި ބާއްވަން ނުފެންނަ ކަމަށް ވޯޓު ދިނީ 151 މީހުން. މިހާތަނަށް ހުޅުދޫން ގުނައި ނިމުނީ ތިން ފޮށި.

ފޭދޫން މިހާތަނަށް ފަސް ވޯޓުފޮށި ވަނީ ގުނައި ނިމިފައި.

މިހާތަނަށް ގުނައި ނިމި ނަތީޖާ އިއުލާން ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 372 މީހުން. ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،015 މީހަކު ވޯޓު ދިން.

މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ފޭދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން.

މިހާތަނަށް ލިބެމުން އަންނަ ނަތީޖާތަކަށް ބަލާއިރު ހުޅުދޫން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން.

މިހާތަނަށް ގުނަމުން އަންނަ ވޯޓުތަކަށް ބަލާއިރު ފޭދޫގެ ރައްޔިތުން ބުރަވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް. މާލޭގެ ކަލާފާނު ސްކޫލްގައި ބެހެއްޓި އެސްޓީއާރު 3.3 އަށް ވޯޓުލީ މީހުންގެ ތެރެއިން ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 39 މީހުން. ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އެ ފޮއްޓަށް 146 މީހުން ވޯޓު އެޅި.

ނައިބު ރައީސް ސޮލާހު ވިދާޅުވީ، ވަގުތީ ނަތީޖާ އެއް ގަޑިއިރާއި ދޮޅު ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ ލިބެން ފަށާނެ ކަމަށް.

އީސީގެ ނައިބު ރައީސް ސޮލާހު "ރާއްޖެ ޓީވީ" ގައި ދެންމެ ވިދާޅުވީ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް. އެ ކަމަކު، އެކަން ކަށަވަރު ވާނީ އެންމެ ފަހުގެ ޖުމުލަ ނަތީޖާއާ ހިސާބުން ކަމަށް އޭނާ ވިދާޅުވި.

އީސީން ނިންމާފައިވާ ގޮތުން ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރި ވަގުތުން ފެށިގެން 30 މިނިޓު ވުމުން.

ފޭދޫގެ ވޯޓު ފޮއްޓަށް ކިއޫ މީހުން އަރަން ގޮސް ތިއްބާ ކިއޫ ބަންދު ކުރުމުން މިހާރު ހޫނު ޒުވާބެއް އެބަ ހިންގާ. އެކަމަކު، ކުރިއްސުރެ ކިއޫ އަށް އަރާފައި ތިބުމުން ވޯޓުލުން އަދިވެސް ފޭދޫގައި ކުރިއަށް އެބަގެންދޭ.
އަދިވެސް ބައެއް މީހުން ވޯޓު ލާން ކިއޫގައި ތިބުމުން ބައެއް ފޮށިތައް ބަންދެއް ނުކުރޭ. އެކަމަކު، ހަތަރެއް ޖެހިއިރު ކިއޫ ނެތް ތަންތަނުގެ ވޯޓު ފޮށިތައް މިހާރު ގެންދަނީ ބަންދު ކުރަމުން.
މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް މިހާތަނަށް ވޯޓުލާފައި ވަނީ 1،200 އެއްހާ މީހުން. ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ކައިރީގައި މިހާރު ކޮންމެވެސް ވަރަކަށް ވަނީ ކިއޫ ދަމާލާފައި.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ވޯޓުލީ 3،410 މީހުން ކަމަށް. އެއީ 35.61 ޕަސެންޓު މީހުން. ތިނެއް ޖެހުމާ ހަމައަށް އީސީން ހާމަކުރި ހިސާބުތަކަށް ބަލާއިރު އަދިވެސް 64.39 ޕަސެންޓު މީހުން ވޯޓެއް ނުލާ. އެއީ 6،166 މީހުން.
ވޯޓުލައި ނިންމަން މިހާރު 45 މިނިޓެއްހާއިރު އަދިވެސް ވޯޓުލާން ނުކުންނަނީ ވަރަށް މަދު ބައެއް.
ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު ހަތަރެއް ޖަހަންދެން. ވޯޓުތައް ގުނައި ނިމުމާ އެކު، އެ ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި. އަދި ހުރިހާ ފޮއްޓެއްގެ ވޯޓު ގުނައި ނިމުމުން އައްޑޫގައި މިއަދު ވަގުތީ ނަތީޖާ އިއުލާން ކަމަށް ކޮމިޝަނުން ބުނެފައިވޭ. ރަސްމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ.
މީގެ 15 އަހަރު ކުރީގެ ފެންނަ ނުފެންނަ ވޯޓަށް ބަލާ ނަމަ އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެއް. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލާފައިވޭ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި އޭރު ރަޖިސްޓަރީ ކުރީ 3،571 މީހެއް. އެ ވޯޓުގައި އައްޑޫގައި ސިޓީ ކައުންސިލެއް ހަދަން ނުފެންނަ ކަމަށް މީދޫގެ 271 މީހަކު ވޯޓުލި. ސިޓީ ކައުންސިލެއް ހަދަން މީދޫން އެ ފަހަރު ތާއީދުކުރީ އެންމެ 77 މީހެއް. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އޭރު އަދަދަކީ އޭރު 1،880.
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވައިލަން ބޭނުންވޭތޯ ބަލަން މީގެ 15 އަހަރު ކުރިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދު، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގި. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮކްޓޫބަރު 9، 2010 ގައި ނެގި ވޯޓުގައި ފޭދު އާއި މީދޫގެ ރައްޔިތުން ތާއީދުކުރީ ސިޓީއެއް ނުހަދަން. އެކަމަކު، މިއަދުގެ ރިފަރެންޑަމްގައި ބައިވެރިވާ ހުޅުދޫގެ ރައްޔިތުން އެ ދުވަހުގެ ވޯޓުގައި ތާއީދުކުރީ އައްޑުއަކީ ސިޓީއަކަށް ހެދުމަށް.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މެންދުރު 12 އާ ހަމައަށް ވޯޓުލީ 1،661 މީހުން ކަމަށް. އެއީ އެންމެ 17.35 ޕަސެންޓު މީހުން. އޭގެ މާނައަކީ 82 ޕަސެންޓު މީހުން ވެސް މެންދުރު 12 އާ ހަމައަށް ވޯޓެއް ނުލާ. ފޭދު އާއި ހުޅުދޫ އަދި މީދޫގައި މި ފެންނަ ނުފެންނަ ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ޖުމުލައަކީ 9،576 މީހުން.
އައްޑޫ ހުޅުދު އާއި މީދޫ އަދި ފޭދޫ އިދާރީ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ތިން ރަށުގައި ވަކިވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓު މިއަދު ނެގުމުގެ ކުރިން މުޅި އައްޑޫގައި ކަހަލަ ގޮތަކަށް ވާދަވެރި ބަހުސްތަކެއް ކުރި ނަމަވެސް ވޯޓާ ހަމައަށް އައި އިރު ފެންނަނީ އެއްވެސް ކަހަލަ ފޯރިއެއް ނެތް، ވާދަވެރިކަމެއް ވެސް ނެތް ވޯޓެއްގެ މަންޒަރު. މިއަދުގެ ހެނދުނު 8 އިން ފެށިގެން މެންދުރު 12 އާ ހަމައަށް ވެސް ފެނުނީ ވޯޓުލާ މަރުކަޒުތައް ފަޅަށް ހުރި މަންޒަރު. ކިއޫ ވެސް ނެތި، މާ ބޮޑު ޖޯޝެއް އެ ތިން ރަށުގެ މީހުންގެ ފަރާތުން ވެސް މެންދުރާ ހަމައަކަށް ނުފެނޭ. ވޯޓުލުމަށް 8،387 މީހުން ޝަރުތު ހަމަވި ނަމަވެސް ހެނދުނު 11 އާ ހަމައަށް ވޯޓުލީ އެންމެ 1،189 މީހުން. އެއީ އެންމެ 13 ޕަސެންޓު މީހުން.
ހެނދުނު 8 ޖެހިއިރުން ފެށިގެން ވެސް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑު ތަން މަދުކަން ފާހަގަކުރެވޭ.
ހެނދުނު 11 ޖެހުމާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުން ވޯޓުލީ 1،189 މީހުން. އެއީ އެންމެ 12 ޕަސެންޓު މީހުން. އެއީ 534 އަންހެނުންނާއި 655 ފިރިހެނުން. ހެނދުނު 11 ޖެހިއިރު ވޯޓުނުލާ އަދިވެސް 8،387 މީހުން އެބަތިބި. މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓަށް 9،576 މީހުން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ޕީއެސްއެމްގައި ވިދާޅުވީ، ވޯޓުލާން ދާ މީހުން ގެންދާ ޑޮކިއުމަންޓުތަކުގައި މައްސަލަ ހުންނަ ކަން ފާހަގަވާ ކަމަށް. ވޯޓުލާއިރު ބޭނުން ކުރެވޭނީ އައިޑީ ކާޑާއި ޕާސްޕޯޓު އަދި އެއްގަމުގައި އުޅަނދު ދުއްވުމުގެ ލައިސަންސް އަދި ޕާސްޕޯޓް ކާޑު ކަމަށް ވިޔަސް އެ އިން އެއްވެސް އެއްޗެއްގެ ޑިޖިޓަލް ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި. އެ އިން އެއްވެސް އެއްޗެއްގެ ފޮޓޯ މޮބައިލް ފޯނުން ދެއްކިޔަސް ގަބޫލު ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ހެނދުނު 10 އާ ހަމައަށް 695 މީހަކު ވަނީ ވޯޓުލާފައި.
މިއަދު ހެނދުނު 9 އާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 320 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 9،200 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ތިން ޕަސެންޓް މީހުން.
އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓު ނެގުން ދެންމެ ފަށައިފި އެވެ.
ވޯޓުލުން ފެށުން ހެނދުނު 8 ޖަހާއިރަށް ތާވަލް ކޮށްފައިވީ ނަމަވެސް އެ ގަޑީގައި ނުކުތް މީހުންގެ އަދަދު މަދު ކަމުން ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ލަހުންނެވެ. ފޭދޫގައި ވެސް ވޯޓުލުން ފެށުނީ ލަހުންނެވެ. މާލޭގައި 8 ޖަހާ ބޮޑުވި އިރު ވެސް ވޯޓުލުން ނުފެށެ އެވެ.
މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން ނަގާ މި ވޯޓުގައި 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ:
- ފޭދޫން 4,355 މީހަކަށް
- ހުޅުދޫން 2،874 މީހަކަށް
- މީދޫން 2,347 މީހަކަށް
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން، މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ހުންނާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.
މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމްގެ ވޯޓު ގުނައި ނިމުމާ އެކު، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ހުރިހާ ފޮޓެއްގެ ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނީ ވެސް އައްޑޫގަ އެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ އެވެ.
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވައިލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.
އެ ވޯޓުގެ ނަތީޖާ އިން ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް އެ ދުވަހު ވޯޓު ދިނީ މިއަދު ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.
އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.
މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ. ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.