އެއާލައިންތަކުގެ ސޭލްސް އޭޖެންޓުންނަށް 100 ޕަސެންޓް ދިވެހި ކުންފުނިތައް
އެއާލައިންތަކުގެ ސޭލްސް އޭޖެންޓުންނަށް 100 ޕަސެންޓް ދިވެހި ކުންފުނިތައް

ބޭރުގެ އެއާލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ 100 ޕަސެންޓު ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ އާންމުކުރި ގަވައިދުގައިވާ ގޮތުން، ޖެނެރަލް ސޭލްސް އޭޖެންޓު (ޖީއެސްއޭ) އާއި ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ) އާއި ޕެސެންޖާ ސޭލްސް އޭޖެންޓް (ޕީއެސްއޭ) އަށް ވެވޭނީ ދިވެހި ކުންފުނިތަކަށެވެ. އަދި އެ އޮތޯރިޓީން އެކަމުގެ ސެޓްފިކެޓް ދޭނީ އެކަން ބެލުމަށް ފަހުގައި ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އާ ގަވައިދަށް އަމަލުކުރަން ފެށި އިރު، އޭގެ ކުރިން ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ސެޓްފިކޭޝަން ހަމަވަންދެން އެ ފަރާތްތަކަށް ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ކަމަށް ވެސް އެ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވީ، މި ބަދަލު ގެނައީ އޭވިއޭޝަން ދާއިރާގައި ދިވެހި ކުންފުނިތަކަށް ފުރުސަތުތައް އިތުރުކޮށް، ބާރުވެރިކުރުވަން ކަމަށެވެ.

އާ ގަވައިދުގައިވާ ގޮތުން ސޭލްސް އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީވެ، ސެޓްފިކެޓް ލިބޭ ކުންފުނިތަކުން ރާއްޖޭގައި އެ ފަރާތްތަކުގެ އޮފީހެއް ވެސް ހުންނަން ޖެހޭނެ އެވެ. އަދި އިތުރު އޮފީހެއް ހުޅުވާ ނަމަ އެކަން އޭވިއޭޝަން އޮތޯރިޓީ އަށް އަންގައި އެޑްމިނިސްޓްރޭޝަން ފީއެއް ވެސް އެ އޮތޯރިޓީއަށް ދައްކަން ޖެހޭނެ އެވެ.

އޮފީހުގައި ވަކި ޝަތުރުތަކެއް ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެ އެވެ. އެ ޝަރުތައް ފުރިހަމަ ނުވާ ތަންތަނަށް އެ ކަންކަން ފުރިހަމަ ކުރުމަށް 15 ދުވަހުގެ މުއްދަތެއް އެ އޮތޯރިޓީން ދޭނެ އެވެ. އަދި އޮފީހުގެ އެޑްރެސް ބަދަލުވާ ހާލަތްތަކުގައި ވެސް އޭގެ މައުލޫމާތު ވެސް އޭވިއޭޝަން އޮތޯރިޓީއަށް ސޭލްސް އޭޖެންޓުން އަންގަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.

ސީއެސްއޭ އޮފީހެއް ހިންގާ ނަމަ އެތަނެއްގައި މަދުވެގެން 100 އަކަފޫޓު އަދި ޕީއެސްއޭ އޮފީހެއް ހިންގާ ނަމަ އެތަނެއްގައި 200 އަކަފޫޓު ހުންނަން ޖެހޭނެ އެވެ. އެ އޮފީސްތަކުގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި މަދުވެގެން ދެ މީހުން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ސޭލްސް އޭޖެންޓަކަށް ވުމަށް ޕްރޮސެސިން ފީއެއްގެ ގޮތުގައި 125 ޑޮލަރު (1،928ރ.) ދައްކަން ޖެހެ އެވެ. އަދި އިތުރު އޮފީހެއް ހުޅުވާނަމަ އެކަމަށް 100 ޑޮލަރު (1،542ރ.) ދައްކަން ޖެހެ އެވެ. ސޭލްސް އޭޖެންޓުން އިތުރު އެއާލައިނަކަށް ހިދުމަތް ދޭ ނަމަ އެކަމުގެ ފީއެއްގެ ގޮތުގައި 75 ޑޮލަރު (1،157ރ.) ދައްކަން ޖެހެ އެވެ.

ސޭލްސް އޭޖެންޓުން ޕްރޮސެސިން ފީތަކުގެ އިތުރުން ކޮންމެ މަހަކު ހިންގާ ކޮންމެ އޮފީހަކަށް 100 ޑޮލަރު (1،542ރ.) ދައްކަން ޖެހޭނެ އެވެ.