24 އޮކްޓޯބަރ 2025 - 20:11

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 ނުވަތަ އާ ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, މިއަދު އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިނުގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ބްރިޓިޝް އެއާވޭސްއަކީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ އޮކްޓޫބަރު 26، 2009 ގަ އެވެ.
ބްރިޓިޝް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. ބްރިޓިޝް އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ.