24 އޮކްޓޯބަރ 2025 - 19:10

ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ ލީޑަރު އިންފަންޓީނޯ މިއަދު ހެނދުނު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި އެއް ސަބަބަކީ ވެސް ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމެވެ.
މި ދަތުރުގެ ތެރެއިން މިއަދު މެންދުރުފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި އިންފަންޓީނޯ ވަނީ މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ދިމާވި ދެރަ ގޮތްތަކުން އަރައިގަތުމަށް އެފްއޭއެމްގެ އާ ލީޑާޝިޕުން ކުރަމުން އަންނަ މަސައްކަތަކަށް ސާބަސް ދެއްވައިފަ އެވެ. އިންފަންޓީނޯ ވަނީ އެ މަސައްކަތުގައި ރާއްޖޭން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށް ފީފާ އިން ރާއްޖެ އަށް ދެމުންދާ އެހީތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ތައުރީފުކުރައްވައި އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅައިގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، އޭގެ ސަބަބުން ރީތި ގައުމެއްގެ ގޮތުގެ އިތުރުން ފުޓްބޯޅައިގެ ބާރެއްގެ ގޮތުގައި ވެސް ދުނިޔޭގައި ރާއްޖޭ ވިދާލާނެ ކަމަށެވެ.
ހިޔާނާތުގެ މައްސަލައެއްގައި މިހާރު ވެސް ޖަލުގައި ހުރި ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމް ތެރޭގައި ކޮރަޕްޝަން އިތުރުވެ، ހިންގުން ދޯދިޔާވެ ފުޓްބޯޅަ އޮތީ އެއްކޮށް ހުއްޓިފަ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެ ހާލަތު ބަދަލުކުރަން ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ވެސް އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.
"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" އިންފަންޓީނޯ ވިދާޅުވި އެވެ.