އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވި ކަމަށް ބުނެ އަދާލަތު ޕާޓީ ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

އަދާލަތު ޕާޓީ 69،000ރ. އިން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން 2015 ގައި ނިންމީ އެ ޕާޓީ އިސްވެ އޮވެ، މެއި 2015 ގައި ބޭއްވި ބޮޑު މުޒާހަރާގައި ގާނޫނާ ޚިލާފްވި ކަމަށް ބުނެ އެވެ.

ކޮމިޝަންގެ އެ ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލަ މިދިޔަ ހޯމަ ދުވަހު ކޯޓުން ބޭރުކޮށްލީ އަދާލަތު ޕާޓީން ކޯޓަށް ހާޒިރު ނުވުމުންނެވެ. ކޯޓުގެ ނިންމުމުގައިވާ ގޮތުން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު އަދާލަތު ޕާޓީގެ ފަރާތުން އެއްވެސް މީހަކު ކޯޓަށް ހާޒިރެއް ނުވެ އެވެ. އެހެންވެ އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރީ ކަމަށް އެ ނިންމުމުގައިވެ އެވެ.

މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެއެވެ. އެކަމަކު އެގޮތަށް ބޭރުކޮށްލާ މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

މޭ ޑޭ މުޒާހަރާ އަކީ އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ. އެ މުޒާހަރާއާ ގުޅިގެން އެމްޑީޕީ ވެސް 53،000ރ. އިން ޖޫރިމަނާ ކުރި އެވެ. އެ ޕާޓީ ވެސް ޖޫރިމަނާކުރީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވި ކަމަށް ބުނެ އެވެ.

އެދުވަހުގެ މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، އެތައް ބަޔަކު ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށްލާން ހުކުމްކުރީ ވެސް އެ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.