24 އޮކްޓޯބަރ 2025 - 14:45

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަދަދު 2020 އިން 2023 ގެ ނިޔަލަށް 60 ޕަސެންޓު އިތުރު ވެފައިވާ ކަމަށާއި އެ މުއްދަތުގައި މުވައްޒަފުން ނަގާފައި ވަނީ އިއުލާން ނުކޮށް އަދި އިންޓަވިއުގެ މަރުހަލާތަކާ ވެސް ނުލައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފި އެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވި އެވެ. ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. އަދި 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.

އޭގެ ތެރޭގައި ރަށްރަށުގެ ޕްރޮޖެކްޓްތައް ހިންގުމަށް ނަގާފައިވާ ވަގުތީ މުވައްޒަފުންގެ އަދަދު 2،900 އަށް އަރަ އެވެ.
ފެނަކައިގެ މުވައްޒަފުންނާ ގުޅޭ ޕްރެޒެންޓޭޝަން ދެއްވި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ޒުހުރީ ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރު ކުރަމުން ގެންގޮސްފައި ވަނީ އޮޕަރޭޝަން ފުޅާވަމުން ދިޔަ ސްޕީޑާ ނުބައްދަލު އަދަދަކަށް ކަމަށެވެ.
"ކުންފުންޏަށް ލިބޭ އާމްދަނީ އާއި މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކުރަ ހޭދަ އަށް ބަލާއިރު އެ ކުރާ ހޭދަ 23-25 ޕަސެންޓުގައި 2020 ވަނަ އަހަރު ހިފެހެއްޓިފައިވާ އިރު 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ކުރާ ހޭދަ 38 ޕަސެންޓާއި 39 ޕަސެންޓަށް ދެމެދުގައި އިތުރު ވެގެންދިޔަ،" އޭނާ ވިދާޅުވި އެވެ.
މުވައްޒަފުން އިތުރު ކުރުމާ އެއްވަރެއްގެ އޮޕަރޭޝަން ހިންގަމުން އައި ރަށްރަށުގައި ވެސް މުވައްޒަފުންގެ އަދަދުގެ ބޮޑެތި ފަރަގުތަކެއް ފާހަގަކުރެވިފައިވާ ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތުން އެއް ލެވެލްއެއްގެ އޮޕަރޭޝަނެއް ހިނގާ އެއް ރަށުގައި 15 މުވައްޒަފުން ތިބި އިރު އަނެއް ރަށުގައި 36 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަކަން ވެސް ފެނަކައިގެ އޮޑިޓުން ފާހަގަވި އެވެ
މުވައްޒަފުން ނެގުމުގައިވެސް 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ހަމައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނު ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތުން 2021 ގެ ކުރިން މުވައްޒަފުން ނަގަމުން އައީ އާންމުން ހުޅުވާލައިގެން އިއުލާނު ކޮށްގެން ކަމަށް ވިޔަސް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ވެސް 50 ޕަސެންޓް މުވައްޒަފުން ކުންފުންޏަށް ނެގީ އާންމުކޮށް އިއުލާނު ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީފާގެ އިންޓަވިއުއެއް ނެތި ދާއިމީ ވަޒީފާތަކަށް މުވައްޒަފުން ނަގަމުން ދިޔަކަން ފާހަގަކުރެވޭ. މުވައްޒަފުންނަށް ޕްރޮމޯޝަން ދީފަހުރި ގޮތަށް ބަލާއިރު 2021 އިން 2023 އަށް 1،300 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައި އެބަހުރި. ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ޕްރޮމޯޝަން ދީފައި އެބަހުރި،" ޒުހުރީ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުން ބުނީ އެއީ ކުންފުނީގެ ގަވައިދުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައި ވަނީ ޕާފޯމަންސް އެޕްރޭސަލް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ.