24 އޮކްޓޯބަރ 2025 - 13:16

ފްލޮރިޑާ (އޮކްޓޫބަރު 24) - އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 2028 ގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިންޓަ މަޔާމީން އިއްޔެ ބުނި ގޮތުން އުމުރުން 38 އަހަރުގެ ފޯވާޑް އެ ކްލަބާ އެކު، އާ ކޮންޓްރެކްޓުގައި ސޮއިކުރީ ކްލަބްގެ އާ ސްޓޭޑިއަމް މަޔާމީ ފްރީޑަމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދާ ސައިޓުގަ އެވެ. އެ ކްލަބުން އަންނަނީ އަންނަ ސީޒަން ފެށެން ވާ އިރަށް އާ ސްޓޭޑިއަމް ބޭނުން ކުރަން ފަށަން ތައްޔާރުވަމުންނެވެ.
އިންޓަ މަޔާމީ އުފެދުނީއްސުރެ އެ ޓީމު ކުޅެމުން އަންނަނީ 21،550 ސަޕޯޓަރުންގެ ޖާގައިގެ ޗޭސް ސްޓޭޑިއަމްގަ އެވެ. މަޔާމީ ފްރީޑަމް ޕާކަކީ ގިނަ ވަސީލަތްތަކަކާ އެކު ހަދާ 25،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.
މެސީ މަޔާމީއާ ގުޅުނީ 2023 ގެ ސީޒަން ތެރޭގަ އެވެ. މިއާ އެކު، އެ ޓީމަށް އޭނާ ކުޅެދިން 82 މެޗުގައި ވަނީ 71 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި އެމްއެލްއެސްގައި ކުޅުނު 53 މެޗުން ޖެހި 50 ގޯލު ވެސް ހިމެނެ އެވެ. މި އަހަރުގެ ރެގިއުލާ ސީޒަންގައި މެސީ ވަނީ 28 މެޗުން 29 ގޯލު ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް އެމްއެސްއެލްގެ ރަން ބޫޓު ހޯދައިފަ އެވެ.
އިންޓަ މަޔާމީ ވަނީ މެސީއާ އެކު 2023 ގެ ލީގްސް ކަޕް އަދި 2025ގެ ސަޕޯޓާސް ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އެމްއެލްއެސް ކަޕް އަދި ކާމިޔާބެއް ނުވެ އެވެ. މި އަހަރު ލީގުގެ ރެގިއުލާ ސީޒަންގައި ތިންވަނައިގައި ނިންމުމުން ކަޕްގެ ޕްލޭއޮފަށް މަޔާމީ ވަނީ ހޮވިފަ އެވެ.