24 އޮކްޓޯބަރ 2025 - 15:57

"އުނދުނަށް އެންމެ ދަރުގަނޑެއް ލައިގެން ހަމަ އަނދައިގެން ދާނީ..." މިއީ އައްޑޫގެ ސިޓީ ކައުންސިލުގެ ދަށުން ފޭދޫ ވަކިކޮށް ވަކިން ފޭދޫ ރަށު ކައުންސިލެއް އުފައްދަން ތާއީދު ކުރޭތޯ ސުވާލު ކުރުމުން އެ ރަށުގެ މީހަކު ދިން ޖަވާބެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އިދާރީ ގޮތުން އައްޑޫ ވަކިކޮށްލުމަކީ ވެސް އެ ކަހަލަ ކަމެކެވެ. ފޭދޫ ވަކިކޮށްފި ނަމަ "ދަރުގަނޑެއް އަނދައިގެން ދާހެން ދާނީ،" އެވެ. އެ އަށް ވުރެ ގިނަ ދަރުތަކެއް އަޅައިގެން އައްޑު އަށް "ކެއްކޭވަރު ގިނަވާނެ" އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވެސް ހިންގަމުންދާތާ 15 ވަރަކަށް އަހަރު ފަހުން އެ ރަށްރަށުގައި ވަކި ކައުންސިލުތައް ހަދަން ފެންނަ ނުފެންނަ ވޯޓެއް ނެގުން އޮތީ މާދަމާ އެވެ. ވަކި ކައުންސިލެއް ހެދުމަށް ތާއީދުކޮށް ހިންގާ ކެމްޕެއިން ވެސް ވަރަށް ފޯރިގަދަ އެވެ. އެހާމެ ވާދަވެރި އެވެ.

ވަކިވަކި ރަށްރަށަށް ތަރައްގީ ގެނައުމަށް އެއްބަޔަކު އެކަމަށް ކެތްމަދުވެފައި ތިބިއިރު އަނެއް ބަޔަކު ބުނަނީ މިއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން ކަމަށެވެ. މިއީ އައްޑޫ ނިކަމެތިކޮށް ބައިބައިކޮށްލަން ނަގާ ވޯޓެއްގެ ގޮތުގައި އެކަމާ ދެކޮޅު މީހުން ސިފަ ކުރެ އެވެ.
"އަހަރެމެން ބޭނުމެއް ނޫން ސިޓީއަކުން ވަކިވާކަށް. މާ މޮޅުތަކެއް ވެސް ނުލިބޭނެ. ހަމަ ކަނޑައެޅިގެން ވާނީ ގެއްލުން. އެއީ އެއްގޮތަކަށް ވެސް ކުރަން އަހަންނާއި އަހަރެންގެ އާއިލާ ވެސް ބޭނުންވާ ކަމެއް ނޫން ވަކި ކައުންސިލެއް އުފައްދަން،" ސިޓީ ކައުންސިލަކަށް ތާއީދުކޮށް ފޭދޫގެ މެދުއުމުރުގެ މީހަކު ބުންޏެވެެ.
"މިހާރު" ގެ ނޫސްވެރިން އައްޑު އަށް އައިސް ވާހަކަ ދެއްކި ފޭދޫގެ ބައެއް މީހުން ބުނީ ވަކި ކައުންސިލެއް އުފެއްދުމަށް މަސައްކަތް ކުރަނީ "ވަކި ބައެއް" ބޭނުންވެގެން ކަމަށެވެ. އެހެންވެ އެކަން ކުރަން ފުރުސަތު ނުދިނުމަށް ވޯޓުލާން ދާނެ ކަމަށް އެ މީހުން ބުންޏެވެ.
"މިހާރު ވެސް މިތަނަށް [ފޭދޫ] އަށް ވެސް އެބަވޭ ކަންކަން. ދެން ކޮން ކަމެއް ނުވެގެންތޯ މި އުޅެނީ؟ ސިޓީ ކައުންސިލަކުން ނުލިބުނު ކޮން މޮޅެއް ވަކި ރަށު ކައުންސިލަކުން ލިބޭނީ؟ މިއީ ވަކި ބަޔަކު ބޭނުންވެގެން ކުރަން އުޅޭ ކަމެއް ވީމާ ވޯޓުލާން ޖެހެނީ ސިޓީ ކައުންސިލަކަށް،" ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ އެހުމުން މީހަކު ބުންޏެވެ.
އެހެން މީހަކު ބުނީ، ހުޅުދު އާއި މީދުއަކީ ވަކިން އޮންނަ ދެ ރަށެއް ކަމަށް ވާއިރު، އެ ދެ ރަށުގެ މީހުން އިދާރީ ގޮތުން އައްޑޫ ސިޓީ ކައުންސިލާ ވަކިވިޔަސް ފޭދޫގެ ހާލަތު ތަފާތު ކަމަށެވެ. ސަބަބަކީ 5،800 އެއްހާ މީހުންގެ އާބާދީއެއް އޮތް ފޭދުއަކީ އެއްފަސްގަނޑަކުން އަނެއް ހަތަރު ރަށާ ގުޅިފައިވާ ރަށަކަށް ވާއިރު ވަރަށް ގިނަ ކަންކަން ހިއްސާ ކުރަން ޖެހޭތީ އެވެ. އޭގެ ތެރޭގައި ކަރަންޓާއި ކުނި މެނޭޖު ކުރުމާއި ކޮންމެ ދުވަހެއްގެ އެތައް ބޭނުންތަކެއް ހިމެނެ އެވެ.
"އެހެންވީމާ އަޅުގަނޑަކަށް ނުވިސްނޭ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވެގެން މިކަން ކުރާނެ ގޮތެއް. މާދަމާ ފޭދޫ ސިއްހީ މަރުކަޒުގެ ބަދަލުގައި ވަކި ހޮސްޕިޓަލެއްތޯ އަނެއްކާ އަޅަންވީ؟ ވަކިން ފޭދޫ ޕޮލިސް ސްޓޭޝަނެއް ހަދަންވީތޯ؟ ވަކިން ފޭދު އަށް ހާއްސަ ބޭންކުތަކެއް ހަދަންވީތޯ؟ މި ސުވާލުތަކުގެ ޖަވާބަށް ވިސްނައިލި މީހެއްގެ ބޯ ހަލާކުވާނެ،" ފޭދޫގެ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދުކޮށް ރޭ މި ރަށުގައި ބޭއްވި ކެމްޕެއިނު ހަރަކާތެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގެ އެހެން ސިޓީތަކާއި އައްޑޫއާ ތަފާތުވާ ސަބަބުތައް އެބަހުރި ކަމަށެވެ.
އޭގެ ތެެރެއިން އެއް ކަމެއްގެ ގޮތުގައި އިހުސާން ފާހަގަކުރެއްވީ ހދ. ކުޅުދުފުއްޓާއި ގދ. ތިނަދު އާއި ފުއްވަމުލަކަކީ ވަކި އެއް ރަށް ކަމަށެވެ. އެކަމަކު އައްޑުއަކީ ގިނަ ރަށްތަކެއް ހިމެނޭ ތަނަކަށް ވެފައި އެކި ރަށްތަކުގެ މީހުން އެއްކޮށްގެން ސިޓީއެއް އުފައްދާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފޭދު އަށް އުފަން އިހުސާން ވިދާޅުވި އެވެ.
"ފޭދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން އަދި ވޭތުވެދިޔަ 15 އަހަރު ސިޓީ ކައުންސިލުގެ ދަށުން ފޭދޫގެ ކަންކަން ހިނގަމުންދިޔަ ގޮތް ފެނުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލުވެވެނީ ފޭދު އަށް އޮންނަން ޖެހޭނީ ފޭދޫ ރައްޔިތުންނަށް ފުރިހަމަ ބާރު ހިނގާ، ފޭދޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމާ އަމިއްލަ ފޭދޫ ކައުންސިލެއް ކަމަށް،" ފޭދޫ ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި ކެމްޕެއިނު ހަރަކާތުގައި އިހްސާން ވިދާޅުވި އެވެ.
އެގޮތަށް ތާއީދު ކުރައްވާ ސަބަބުތައް ވެސް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސިޓީ ކައުންސިލެއްގެ ދަށުގައި އޮވެގެން މިދިޔަ ދުވަސްތަކުގައި އާދަޔާ ހިލާފު ތަރައްގީއެއް ލިބިފައި ނުވާ ކަމަށެވެ. ފޭދޫ މީހުންނަށް ވެސް ލިބިފައި ވަނީ ހަމަ ރަށު ކައުންސިލުތަކުގެ ދަށުން ހިންގާ ރަށްރަށަށް ވެސް ލިބިފައިވާ ތަރައްގީ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ރަށު ކައުންސިލުގެ ދަށުން ހިންގާ ރަށްރަށުން ސިޓީ ކައުންސިލު ހަދަން ބޭނުން ނުވަނީ އެ މީހުންނަށް ރަށު ކައުންސިލުގެ ދަށުން ހިންގާތީ ލިބޭ ފައިދާ އެނގޭތީ،" އިހްސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ 2011 ގައި އައްޑުއަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެސް އޭރު ނެގި ވޯޓުގައި ފޭދޫ މީހުން ސިޓީ ކައުންސިލަކަށް ނޫނެކޭ ބުނެފައި ވަނިކޮށް ކަމަށެވެ. އެ ކެމްޕެއިނު އިވެންޓުގައި ދެއްކި ޕްރެޒެންޓޭޝަނުގައިވާ ގޮތުން ސިޓީ ކައުންސިލެއްގެ ދަށުން ހިންގުމަށް ތާއީދުކުރީ 397 މީހެކެވެ. އަދި ސިޓީ ކައުންސިލެއްގެ ދަށުން ހިންގަން ބޭނުން ނުވާ ކަމަށް 494 މީހަކު ވޯޓު ދިނެވެ.
އެކަމަކު އޭރު ގާނޫނު އޮތްގޮތުން ސިޓީ ކައުންސިލަކަށް ހެދެނީ 25،000 މީހުންގެ އާބާދީއެއް އޮވެގެން ކަމަށާއި އޭރު ހިތަދޫގެ އާބާދީން އެކަނި ސިޓީއަކަށް ބަދަލު ނުކުރެވޭތީ މުޅި އަތޮޅު އޭގެ ތެރޭގައި ހިމަނައިގެން ސިޓީއަކަށް ހެދީ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ކުޅުދުއްފުއްޓާ 2.5 ކިލޯ މީޓަރު ދުރުގައި ނޮޅިވަރަމް އޮންނައިރު އެ ރަށް ކުޅުދުއްފުށީ ކައުންސިލުގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި މާލެއާ 8 ކިލޯމީޓަރު ދުރުގައި އޮންނަ ހިންމަފުށީގައި ވެސް އޮތީ ރަށު ކައުންސިލެއް ކަމަށާއި ތިނަދޫއާ 7 ކިލޯމީޓަރު ދުރުގައި އޮތް މަޑަވެއްޔާއި ކޯޒްވޭއަކުން ގުޅިފައި އޮތް ހޯނޑެއްދޫގައި ވެސް އޮތީ ރަށު ކައުންސިލެއް ކަން އިހްސާން ފާހަގަކުރެއްވި އެޗެ.
އެކަމަކު ހިތަދޫއާ އެހާ ދުރުގައި ފޭދު އާއި ހުޅުމީދޫ އޮތްއިރު އެ ތަންތަން ސިޓީ ކައުންސިލުގެ ދަށަށް ގެނެސްފައި ވަނީ ކީއްވެތޯ އިހްސާން ސުވާލު އުފެއްދެވި އެވެ.
"މި ހުރިހާ ރަށްރަށް މިހާ ރަނގަޅަށް ފައިދާވާ، އެއްބައިވަންތަ ކުރާ ސިޓީ ކައުންސިލެއްގެ ދަށަށް ނުލާ ސަބަބެއް އޮންނާނެތާ. ދެން ސުވާލަކީ ކީއްވެތޯ 7 ކިލޯމީޓަރު ދުރު އޮތް ފޭދޫ، 14 ކިލޯމީޓަރު ދުރުގައި އޮތް ހުޅުމީދޫ ލައިގެން އައްޑޫ ސިޓީ ކައުންސިލު ހަދަން ޖެހެނީ،"
ކަންބޮޑުވުން ފާޅު ކުރައްވަމުންއިހުސާން ވިދާޅުވީ 2011 ގެ ކުރިން އޮތް ކަތީބުންގެ ޒަމާނާއި ސިޓީ ކައުންސިލުގެ މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
"ކަތީބުންގެ ޒަމާނުގައި ކަންކަން ނިންމަނީ ކަތީބުން. އޭގެ މަތިން ކަންކަން ނިންމަނީ އަތޮޅު ކޮމިޓީއަކުން. އޭގެ މަތިން ނިންމަނީ އަތޮޅުވެރިން. މި ނިޒާމު ގޯސްވެގެން މަގުމައްޗަށް ނިކުމެގެން މާ ވަރުގަދަ ސިޓީ ކައުންސިލެއް ގެނައީމާ ރަށުގެ ކުދިކުދި ކަންކަން ނިންމަނީ ކައުންސިލަރުން. ބޮޑެތި ކަންކަން ނިންމަނީ އެހެން ރަށްރަށުގެ ކައުންސިލަރުންނާއި 13 މެމްބަރުން. އަދި ބޮޑެތި ކަންކަން ނިންމަނީ ހަވާލުވެގެން އިން މޭޔަރު،" އައްޑޫ ސިޓީ ކައުންސިލަށް ނުރުހުން އަމާޒު ކުރައްވަމުން އިހްސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ފޭދޫގެ ތަރައްގީއަށް ހަތަރު މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާއިރު 2023 ގައި އައްޑޫ ކައުންސިލުން އެ ރަށަށް ކުރަން ރޭވި ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.
"ބައިވަރު ކަންކަން ކުރަން ނިންމި. މި ރަށު ތިބި މީހުންނަށް އެނގޭނެ މިއިން އެއްވެސް ކަމެއް ނުވާކަން. ސިޓީ ކައުންސިލު ރިޕޯޓުގައި ވެސް އެ އޮތީ މިއިން ކަމެއް ނުވެޔޭ. ނުވާ ކަމާއި ނުވާ ސަބަބު އެއޮތީ ލިޔެފައި،" ނުރުހުން ފާޅު ކުރައްވަމުން އިހުސާން ވިދާޅުވި އެވެ.
އެކަމަކު އިހުސާން ވަނީ ފޭދު އަށް އެންމެ ކަމެއް ކޮށްދީފައި ނުވިޔަސް ހިތަދޫގައި ކުރަން ރޭވި ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމާއި ކުރި ކަންކަމުގެ ލިސްޓު ވެސް ވިދާޅުވެފަ އެވެ.
އިހުސާން ވިދާޅުވީ ޅ. ނައިފަރަކީ ވެސް ފޭދޫއާ އެއްވަރުގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި އެކަމަކު އެ ރަށުގެ ކައުންސިލުން މާގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ. ސަރުކާރުން ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފައިސާ ދެނީ ބިމުގެ ސައިޒާއި އާބާދީ އަށް ބަލާފައި ކަމަށާއި ސިޓީ ކައުންސިލަށް ފޭދޫގެ ކަންކަން ކުރުމަށް ދެނީ 9 މިލިއަން ރުފިޔާ ކަމަށް ވިޔަސް 23 މިލިއަން ރުފިޔާ ނައިފަރު ކައުންސިލަށް ލިބޭ ކަމަށް އިހްސާން ވިދާޅުވި އެވެ.
"ވެހިކަލްތަކާއި ކައުންސިލަށް ލިބޭ އާމްދަނީ އެއްކޮށްލައިގެން ނައިފަރަށް އިތުރު 55 މިލިއަން ރުފިޔާ ލިބޭ އަހަރަކު. ނައިފަރު ކައުންސިލުގެ ޖުމްލަ އާމްދަނީއަކީ 78 މިލިއަން ރުފިޔާ. ފޭދޫ 9 މިލިއަން،" ފޭދޫގައި ރަށު ކައުންސިލެއް އޮންނަން ޖެހޭ ސަބަބުތައް ވިދާޅުވަމުން އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެހި ހިސާބުތަކަށް ވަޑައިގަތުމުން ފެނިވަޑައިގަތީ ކައުންސިލުތަކުން ރަށްރަށުގެ މަލަމަތި ރީތިކުރުމަށް ކޮށްފައިވާ މަސައްކަތްތައް ކަމަށެވެ. އެކަމަކު ފޭދޫގައި މެހެމާނުންނަށް މަރުހަބާ ކިޔުމަށް މަލަމަތި ރީތިކުރުމާއި ފެރީ ޓާމިނަލް ހެދުމާއި ސްކޫލުތައް އޭސީ ކުރުން ފަދަ ކަމެއް ފޭދޫގައި ނެތް ކަމަށް ވިދާޅުވި އެވެ.
"ކީއްވެގެންތޯ ބޮޑު މާސިންގާ ރަށެއް، ރާއްޖޭގެ ފަސް ވަނައަށް އެންމެ ބޮޑު ރަށް ކީއްވެގެން މިހާލުގައި އޮންނަންވީ؟،" އިހުސާން ވިދާޅުވި އެވެ.
އިހުސާންއެކޭ އެއްގޮތަށް ރަށުގެ ބައެެއް މީހުން ވެސް ގަބޫލުކުރަނީ ފޭދޫގެ ކަންކަން ނިންމުމަށް ފޭދޫ މީހުން ތިބުމުން ރަށަށް ލިބޭ ތަރައްގީ މާބޮޑުވާނެ ކަމަށެވެ. ވަކިން ކައުންސިލެއް އުފެއްދުމުން، ފޭދޫގައި ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އުފެދި، އަންހެނުން ބާރުވެރި ކުރުވުމަށް ލިބޭ އިތުރު ފުރުސަތަކަށް އެކަންވާނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.
"އަހަރެމެންގެ ރަށުގެ ކަންކަމަށް ބަސް ބުނަން އެހެން ރަށެއްގެ ބަޔަކު ނުޖެހޭ ތިބޭކަށް. އެކަން އަހަރެމެން ނިންމީމަ އަހަރެމެންނަށް ލިބޭ ފައިދާ މާބޮޑުވާނެ. އެހެންވީމަ ބޭނުންވަނީ ސިޓީ ކައުންސިލުން ވަކިވާން،" އިތުރު މީހަކު ބުންޏެވެ.
ކައުންސިލާ އެކު ވަޒީފާގެ ފުރުސަތުތަކެއް ރަށުގައި އިތުރުވާނެ ކަމަށް ވެސް އެމީހުން ދެކެ އެވެ. މޭޔަރު ކަމެއް ކޮށްދީ ނިންމަންދެން ތިބުމުގެ ބަދަލުގައި އެ މީހުން ބޭނުންވާ ކަންކަން އަމިއްލަ އަށް ނިންމައިގެން ކުރަން ފަސޭހަވާނީ ރަށު ކައުންސިލަކާ އެކު ބްލޮކް ގްރާންޓު ލިބޭނެ ކަމަށް އެ މީހުން ދެކެ އެވެ.
"ފޭދޫ މީހުންނަށް ކަމެއް ކުރަން، އަންހެނުން ބާރުވެރި ކުރުވަން ވިޔަސް، މުބާރާތެއް ބާއްވަން ބަލާއިރު ވެސް ސިޓީ ކައުންސިލުން މި ބުނަނީ ނެތޭ ބަޖެޓެއް. އެހެންވީމާ އަހަރެމެންގެ ކަންކަމަށް އަމިއްލަ ބަޖެޓެއް ލިބި، ކަންކަން މާބޮޑަށް ވެސް ފަސޭހަވާނެތީ ބޭނުންވޭ އެބަ މާދަމާ ވޯޓު ލާން ދާން މި ޖެހެނީ ވަކި ކައުންސިލަކަށް،" އެހެން މީހަކު ބުންޏެެވެ.
ފޭދޫ، ސިޓީ ކައުންސިލުން ވަކިވާން ނިންމާފައިވާ ނިންމުމާ އެކު މިއީ ނިކަމެތިވާނެ ކަމެއްގެ ގޮތުގައި މީހުން ސިފަކުރާތީ އެކަމަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވަނީ ރަށު ކައުންސިލުތައް އޮތް ރަށްރަށުގެ މީހުން ނުވި ނިކަމެތި ކަމެއް އައްޑޫ މީހުންނަށް ނުލިބޭނެ ކަމަށެވެ.
"ރާއްޖޭގެ 19 އަތޮޅުގައި އޮތީ ރަށު ކައުންސިލް. އެ މީހުން ބައިބައިއެއް ނުވޭ. އެކަމަކު އައްޑޫ ރަށު ކައުންސިލު ހެދީމަ ބައިބައިވަނީއޯ. ނަވާރަ އަތޮޅުގައި ތިބި މީހުން ނުވި ބައިބައިއެއް ކިހިނެއްތޯ އައްޑޫ މީހުން ވާނީ؟،"
އެއް ބަޔަކު މިގޮތަށް ދެކުނަސް ވަކި ކައުންސިލުތަކާ އެކު އައްޑު އަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ދެކޭ މީހުން ވެސް ވަރަށް ގިނަ އެވެ. ކައިރީގައި އޮންނަ އެއް ރަށާއި އަނެއް ރަށުގެ މީހުންނާ ޖެހި، ރަށުގެ މަސްލަހަތަށް މީގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ގަބޫލުކުރާ މީހުން އެބަ ތިއްބެވެ.
އަވަސް އަރުވާލައިގެން ހަމަ މިފަދަ ވޯޓެއް ނަގަން ޖެހޭ ހާލަތެއްގައިތޯ އައްްޑޫ އޮތީ މީހުން ސުވާލު އުފައްދަ އެވެ. މިއީ އެއް ބަޔަކަށް ތަަރައްގީގެ ފެށުން ކަމަށް ގަބޫލުކުރެވުނަސް މިއީ ބައިބައިވެ ނިކަމެތިވުމުގެ ފެށުމެއް ކަމަށް އަނެއް ބަޔަކު ސިފަ ކުރެ އެވެ. ހާއްސަކޮށް ފޭދުއަކީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދުއާ އެއްފަސްގަނޑެއްގެ ގޮތުގައި އޮންނަ ރަށަކަށް ވާއިރު، ވަކި ކައުންސިލެއް އޮތުމުން ލިބޭ ނިކަމެތިކަން މާ ބޮޑުވާނެ ކަމަށް ދެކޭ މީހުން ގިނަ އެވެ.